މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޕްރިޒަން ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ތިން ވަނަ “ޕީއާރްސީ ފުޓްބޯޅަ ޓޯރނަމަންޓް 2026” ގެ ފައިނަލް ކުޅެ، މުބާރާތް ނިމިއްޖެއެވެ.

ހިންމަފުށީ ފުޓްސަލް ގްރައުންޑްގައި 2026 އޮކްޓޫބަރު 17 ގައި ކުޅުނު ފައިނަލް މެޗް ބައްލަވާލައްވައި، މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، ކޮމިޝަންޑް އޮފިސަރުން އަދި ގިނަ އަދަދެއްގެ އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.



ފައިނަލް މެޗްގައި ވަރަށް ފޯރިގަދަ ކުޅުމެއް ދެއްކުމަށްފަހު ޓީމް އެޗްކިއު ބަލިކޮށް، ޗެމްޕިއަންކަން ހާޞިލްކުރީ 0-4 ލަނޑުން ޓީމް މާފުށީ ޕްރިޒަންއެވެ.
ޓީމް މާފުށީ ޕްރިޒަން އިން ވަނީ މި ޓޯރނަމަންޓް ބޭއްވި ތިން އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށް، ތަށި މިލްކުކޮށްފައެވެ.
މި ޓޯރނަމަންޓްގެ ފައިނަލް މެޗަށްފަހު، ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް އަދި އިނާމް ޙަވާލުކުރުމަށްއިތުރުން، އެކި ވަނަ ތަކަށް ހޮވުނު ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޕްލާކް ޙަވާލުކޮށްފައެވެ.
އެގޮތުން ފާހަގަކޮށްލެވޭ ވަނަތަކަށް ހޮވިފައިވަނީ:
- ފައިނަލް މެޗްގެ “މޭން އޮފް ދަ މެޗް” އަދި އެންމެ މޮޅު ޑިފެންޑަރ – ޢަލީ ޝަރީފް (ޓީމް މާފުށީ ޕްރިޒަން)

- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު މިޑްފީލްޑަރ – ޢަބްދުﷲ ޝާކިރު (ޓީމް މާފުށީ ޕްރިޒަން)

- އެންމެ މޮޅު ސްޓަރިކަރ – އިބްރާހިމް އިމްރާން (ޓީމް އެޗްކިއު)

- ޓޮޕް ސްކޯރަރ – އަމްޖަދު ޢަލީ (ޓީމް މާފުށީ ޕްރިޒަން) އަދި ޢަބްދުﷲ ޝާކިރު (ޓީމް މާފުށީ ޕްރިޒަން)

- އެންމެ މޮޅު ގޯލްކީޕަރ: އިސްމާޢީލް ޝިހާމް )ޓީމް މާފުށީ ޕްރިޒަން(

- ފެއަރޕްލޭ ޓީމް – ޓީމް އެޗްކިއު

- ބެސްޓް ކޯޗް – އަޙްމަދު ޝާހީން (ޓީމް މާފުށީ ޕްރިޒަން)

“ޕީއާރްސީ ފުޓްބޯޅަ ޓޯރނަމަންޓް 2026” ގައި ވާދަކުރީ ޓީމް އެޗްކިއު، ޓީމް އައްސޭރި ޕްރިޒަން، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލެ ޕްރިޒަން އަދި ޓީމް ޕީއެސްއޯއެވެ.




