ޤައިދީންގެ ރިހެބިލިޓޭޓްކުރުމަށް މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން، ސްރީ ލަންކާގެ ހެލްޕިންގ ހޭންޑް ސައިކޮލޮޖިކަލް ހޮސްޕިޓަލާއި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގުޅިގެން، “އިންޓަރނޭޝަނަލް ޕްރޮފެޝަނަލް ސައިކޮލަޖީ، ސައިކޯތެރަޕީ އެންޑް ކައުންސެލިންގ ސްކިލްސް” ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

2026 އޮކްޓޫބަރު 25 ން ފެށިގެން 27 އާ ހަމައަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ޤައިދީން ރިހެބިލިޓޭޓްކުރުމުގައި އެކި ދައުރު އަދާކުރާ 50 އޮފިސަރުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޓް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛް މޫސާ ފަޠުހީ އާދަމްއެވެ. ޝަރަފްވެރި މެހެމާންގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ހެލްޕިންގ ހޭންޑް ސައިކޮލޮޖިކަލް ހޮސްޕިޓަލްގެ ޓީމް، ކޮމިޝަންޑް އޮފިސަރުންނާއި ސިވިލް ޑިރެކްޓަރުން އަދި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ ތެރެއިން، ޤައިދީންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީކޮށް، އެ ފަރާތްތަކަށް ކައުންސެލިންގ ދިނުމުގައި ބޭނުންކުރާނެ ބައެއް އުކުޅުތަކާއި، މަސައްކަތު މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި، ޖިންސީ ތަފާތުކުރުމާއި އޮފިސަރުންނާއި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ބޭނުންކުރާނެ އުކުޅުތައް ކިޔާދެވުނެވެ.