ތަޢާރަފް

މި ވެބްސައިޓަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހަބަރުތަކާއި މައުލޫމާތު އެންމެ ސައްހަކަމާއެކު އާންމު ރައްޔިތުންނަށް ގެނެސްދިނުމުގެ ބޭނުމުގައި ހިންގާ ސައިޓެކެވެ. މި ސައިޓްގެ ސަބަބުން ދުވަހުން ދުވަހަށް މި ސަރވިސްގެ މައުލޫމާތުތައް ލިބުމުގައި ފަސޭހަ ވެގެން ދާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަމެވެ.

ޤާނޫނު ނަންބަރ 2013/14 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އުފެއްދެވީ 31 ޑިސެމްބަރ 2013 ވަނަދުވަހުގައެވެ. ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މައްޗަށް ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

ހ. ރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމަކަށް ހެދުން.

ށ. ޤައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ޤާއިމުކޮށްދިނުން.

ނ. ޤައިދީންނަށް ތަފާތު އެކިއެކި ރޮގުރުގުން ތަމްރީނުދީ އެކިއެކި ހުނަރުދަސްކޮށްދިނުން.

ރ. ޤައިދީން ކުއްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމަޢަށް ގެނައުމަށް ބާރުއެޅުން.

ބ. ޝަރީޢަތުން ކޮށްފައިވާ ޙުކުމާއެއްގޮތަށް ޙުކުމް ތަންފީޒް ކުރުމުގެ އުސޫލުތައް ކަނޑައެޅުން.

ޅ. ޤާނޫނަކުން ބާރުލިބިގެން ތަޙުޤީޤުކުރާ އިދާރާތަކުން ތަޙުޤީގު މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި މީހުން ބަންދުގައި ބައްތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުން.
މިގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުން ހިންގާ 3 ޖަލުކަމުގައިވާ މާފުށީ ޖަލު، މާލެ ޖަލު، އައްސޭރި ޖަލުގައި މިވަގުތު 1200 އަށްވުރެ ގިނަ މީހުން ބަލަހައްޓަމުން ދެއެވެ. އަދި ހަމަ އެހެންމެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި 200 ށްވުރެ ގިނަ ބޭރުމީހުން ބަލަހައްޓަމުން ގެންދަމެވެ. އަދި ޕްރިޒަން އޮފިސަރުންނާއި އިދާރީ މުވައްޒަފުން މޯލްޑިވަސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާއިރު، ތަފާތު އެކި ދާއިރާތަކުން ތަޢުލީމު ޙާސިލް ކޮށްފައިވާ ބޭފުޅުންނަށް މި ސަރވިސްގައި ފުރުސަތު އޮތްކަން ފާހަގަކުރަމެވެ.