“ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިން ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙުސާންއެވެ. މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އުސްތާޛް އަޙްމަދު ސިއްދީޤް، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި  ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

33 ބައިވެރިންނާއެކު ފެށި މި ކޯސް ފުރިހަމަކޮށްފައިވަނީ 32 ދަރިވަރުންނެވެ. މީގެ ތެރޭގައި އިންޑަކްޝަން ޓްރޭނިންގ ހަދާފައިވާ ތިން އޮފިސަރުން ހިމެނެއެވެ.

މި ކޯސް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

އަދި ޤައިދީން އިސްލާޙުކޮށް، ކުރިއަށް ދާންވީމަގު ހޯދުމަށް އެހީތެރިވުމުގައި ޕްރިޒަން އޮފިސަރުން އަދާކުރާ ރޯލުގެ މުޙިއްމުކަން ދޭހަކޮށްދިނުމުގެ ގޮތުން، ފުރަތަމަ ފަހަރަށް މި ކޯހުގައި “އިންޓްރޮޑަކްޝަން ޓު ރިހެބިލިޓޭޝަން” މޮޑިއުލެއް ވަނީ އެކުލަވާލާފައެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ދިނުން ހިމެނުނެވެ. އެގޮތުން މި ޕްރޮގްރާމްގެ “ބެސްޓް އޯލް ރައުންޑް” އަށް ޕްރިޒަން ޕްރައިވެޓް ހަމްނާ ނައީމް ހޮވިފައިވާއިރު، ޕްރޮގްރާމްގެ “ފިޓަސްޓް ފިރިހެން އަދި އަންހެން އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް މުޙައްމަދު ދާނިޝް ފަޠުހުﷲ އާއި ޕްރިޒަން ޕްރައިވެޓް ޒުމްރާ އަޙްމަދުއެވެ. ޗާލީ ޕްލެޓޫނުން އެންމެ ފާހަގަކޮށްލެއްވޭ އޮފިސަރަށް ޕްރިޒަން ޕްރައިވެޓް މުޙައްމަދު އައިހަމް ޙަސަން ހޮވިފައިވާއިރު، އައިވަރީ ޕްލެޓޫނުން ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ލޫޠު އިބްރާހިމްއެވެ. އަދި “އެންމެ މޮޅު ޕްލެޓޫން” ށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.

ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މޫސާ ނަސީމްއެވެ.

މި ކޯހުން ވަނަތައް ހާސިލްކުރި އޮފިސަރުންނަށް މަރުޙަބާ އާއި ޝުކުރުދަންނަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙުސާން ފާހަގަކުރެއްވީ، ކޮންމެ ތަމްރީނަކުންވެސް ވަނައެއް ލިބުމަކީ އެމީހަކު ކުރިއަށްދިއުމަށް އަޒުމު ވަރުގަދަވެގެންދާ ކަމެއްކަމަށާއި އަމިއްލަ ނަފްސާއި ޢާއިލާ ފަޚުރުވެރިވެ، އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން އިތުރުވެގެންދާ ކަމެއްކަމަށާއި، ބައެއް ދަރިވަރުންނަށް ވަނަތައް ލިބޭއިރު، އަނެއްބައި ކުދިން ކުރިއަށްއޮތްތާނގައި އެފަދަ ފުރުޞަތުތަކެއް ހޯދުމަށް ގަދަ އަޅާ މަސައްކަތްކޮށް، އެކަން ކާމިޔާބު ވެދާނެކަމުގެ ޔަޤީންކަން ހިތުގައި ބާއްވަން ޖެހޭ ކަމަށާއި، ހުރިހާ ދަރިވަރުންވެސް އެއަޒުމުގައި ތިބޭނެކަމަށެވެ. މި ކޯހުގައި ކިޔަވައިދެއްވި މުދައްރިބުންނަށާއި އިންސްޓްރަކްޓަރުން އަދި މުވައްސަސާތަކަށް ޝުކުރުއަދާކުރައްވަމުން، މިނިސްޓަރ އެފަރާތައްކޮށްދެއްވި އަގުހުރި މަސައްކަތުގެ އަގުވަޒަންކުރެއްވިއެވެ.

ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ޤައުމީ ވާޖިބުތަކެއް ކޮނޑުގައި އަޅުވައިގެންތިބޭ އޮފިސަރުންތަކެއް ކަމަށާއި، މީހަކު ކުށްކޮށްގެން ކޯޓު ޕްރޮސެސްއަށްފަހު ޖަލަށް އައިސް، ޖަލުން ނިކުމެ އަނބުރާ މުޖްތަމަޢުއަށް ދިއުމާމެދު އެމީހުންނާ ޙަވާލުވެ އަދި ދެމެދުގައި ހުންނަނީ އޮފިސަރުންކަމަށާއި، ސަލާމަލާތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޖަލުގައި ތިބޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދީ، އެފަރާތްތައް އިސްލާހުކޮށް، މުޖްތަމަޢުބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ޒިންމާ އަދާކުރާނީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޮންމެ އޮފިސަރެއްވެސް ތަމްރީނުންނާއި ޢާއިލާ އަދި މުޖްތަމަޢުތެރެއިން ދަސްކުރާ ރަނގަޅު ހުލްގު ދެމެހެއްޓުމަށާއި، ޙަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ދަޢުލަތަށާއި އިދާރާއަށާއި އަމިއްލަ ނަފްސަށާއި ދީނަށް ތެދުވެރިވެ، އަދި ކޮންމެ މީހަކު ކޮންމެ ހުށަހެޅުމެއް ހުށަހެޅިޔަސް އިންޓެގްރިޓީ ދެމެހެއްޓުމަށް ނުގުދާފަދަ އަޒުމު ކަނޑައަޅައި ދެމެހެއްޓުމަށް މިނިސްޓަރ ނަސޭހަތްތެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކަރެކްޝަންސް ރީޝޭޕްކުރުމަށްޓަކައި  ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރައްވަމުން އިސްވެރިންނާއި މުދައްރިބުންނަށް ފަށްފަށުން ޝުކުރުއަދާކުރެއްވިއެވެ.

ދަސްވެނިވި އޮފިސަރުންނާ މުޙާތަބްކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ އޮފިސަރުންގެ ޔުނީފޯރމަކީ ޤައުމީ ވާޖިބާއި ޖިހާދުގެ މަތިވެރި އަހުދުކަމަށާއި، ޖެހިފައިވާ ބެޖުގައިވާ ދިދައަކީ ދިވެހި ރައްޔިތުން އޮފިސަރުންނަށް ކުރައްވާފައިވާ އިތުބާރުކަމަށެވެ. އަދި ކުރާ ހުވައަކީ ކޮމިޝަނަރ އަދި ބަލަދުވެރިންގެ ކުރިފުޅުމަތީގައި ކިޔާލާ ލަފުޒުތަކެއް ނޫންކަމަށާއި، އެއީ ޤައުމަށާއި ރައްޔިތުންގެ ހިމާޔަތަށް، ޚިދުމަތަށް، ޤާނޫނު ނެގެހެއްޓުމަށާއި ދެމެހެއްޓުމަށް ވެވުނު ވަޢުދެއް، އަދި އެއީ ކަރެކްޝަންސްގެ ޚިދުމަތްތައް ހިތްތިރިކަމާއި ހިތްހެޔޮކަމާއި ނަޒާހަތްތެރިކަމާއެކު ދަމަހައްޓާނެ ކަމުގެ ވަޢުދެއް އަދި ފަހަތުން ގޮވާ، ޤާނޫނާ ޚިލާފުކަމެއް ކުރުމަށް ބުނާ މީހާއަށް ހަރުއަޑުން ނޫނެކޭ ބުނާ ވަޢުދުކަމަށާއި ޤައިދީންނަށް އިންސާނިއްޔަތްތެރިކަމާއެކު ޢަމަލުކުރާ އަދި މައިންބަފައިންގެ ކަރާމާތް ދަމަހައްޓާ ވަޢުދުކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ. ޤައިދުކުރެވިފައިވާ ފަރާތްތަކަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް ކަމަށާއި، އެ ފަރާތްތަކުގެ އިންސާނީ ކަރާމާތް ނުގެއްލުވާލައި، އަސާސީ ޚިދުމަތްތައް ފޯރިކޮށްދީ، ހިތްވަރުދީ، އުއްމީދުތައް އާލާކޮށްދޭނެ ބަޔަކީ އޮފިސަރުން ކަމުގައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ޤައިދީންނަށް ޚިދުމަތްކުރުމުގައި އާއި ޤައުމީ ވާޖިބު އަދާކުރުމުގައި، ޤައުމު ދިފާއުކުރުމުގައި ޝަހީދުވެފައިވާ ޤައުމު ބަޠަލުންގެ އަގުހުރި ޤުރުބާނީގެ އަގުވަޒަންކޮށް އަދި ހަނދުމަކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ އޮފިސަރުންނަށް އިލްތިމާސްކުރެއްވީ އެފަދައިން ތެދުވެރިކަމާއި އިޙްލާސްތެރި އަދި ހިތްވަރާއެކު ކުރި ހުވާގެ މަތީގައި ދެމިތިބެގެން ޤައުމީ ވާޖިބު އަދާކުރުމަށާއި، ކަރެކްޝަންސްގެ ވަޒީފާއަކީ ރަނގަޅު މުސާރައަކާއި މުސްތަޤުބަލެއް އޮތް ވަޒީފާއެއް ކަމަށާއި މައިންބަފައިންގެ ލޯތްބާއި އޯގާތެރިކަން އަދި ދީން ދެމެހެއްޓުމަށާއި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ޤައުމީ ވާޖިބު އަދާކުރުމަށެވެ.