މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އަލަށް ވަޒީފާއާ ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގި “އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް” ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.


މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙުއެވެ. މީގެ އިރުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަލްއުސްތާޛާ ޢާއިޝަތު ޝިއުނާ، ހައިކޯޓްގެ ޣާޒީ އަލްއުސްތާޛް އިސްމާޢީލް ޝަފީއު، މޯލްޑިވްސް އިމިގްރޭޝަންގެ ވަގުތީ މާލީ ޒިންމާދާރުވެރިޔާ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަހީދު، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ޑިރެކްޓަރ ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާން، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔަރ މުވައްޒަފުން އަދި ދަސްވެނީންގެ ޢާއިލާތަކުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.


2026 އޮގަސްޓް 30 ން ފެށިގެން 2026 ސެޕްޓެމްބަރ 17 އަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމުގައި 10 އޮފިސަރުން ވަނީ ތަމްރީން ކާމިޔާބުކުރުމަށްފަހު، ވަޒީފާގެ މައިދާނާ ގުޅިފައެވެ. މިއީ މި ތަމްރީން ޕްރޮގްރާމްގެ ތިން ވަނަ ބެޗެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ. މި ކޯހުގެ އިތުރުން އޮފިސަރުން ތަރައްޤީކޮށް، ވަޒީފާއަށް ތައްޔާރުކުރުމުގެ ގޮތުން ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ ޕްރޮގްރާމާއި ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސުޕަރވިޝަން ޕްރޮގްރާމް ހިންގައެވެ.

ދަސްވެނިންނަށް ހުވާލައިދެއްވީ ހައިކޯޓްގެ ޣާޒީ އަލްއުސްތާޛް އިސްމާޢީލް ޝަފީއުއެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙު ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވީ، ނެޝަނަލް ސެކިއުރިޓީ ސަރވިސްގެ ފުލުސް އޮފީހުގައި މަސައްކަތްކުރެއްވިއިރުން ފެށިގެން ކަރެކްޝަންސްއާ ގާތްގުޅުމެއް އޮތްކަމަށާއި، ސިންގަޕޫރުގެ ދެ ޖަލެއްގައި މަސައްކަތްކޮށް ތަމްރީން ހާޞިލްކުރެއްވުމަށްފަހު، ރަނގަޅު ޖަލެއްގެ މުހިއްމުކަން އިހުސާސްކުރެވިގެން ފެންވަރު ރަނގަޅު ޖަލަކާއި އެތަނުގައި ރަނގަޅު ހިއުމަން ރިސޯސަސް ޤާއިމުކުރުމަށް މަސައްކަތްކުރެއްވިކަމަށެވެ. އެހެން ނުވިނަމަވެސް ގާމާދޫ ޖަލުގ ހާދިސާއަށްފަހު މާފުށީގައި ހުރި އެސްޓީއޯގެ ފުށް ގުދަނެއް ޖަލަކަށް ބަދަލުކުރެވިގެން ދިޔަކަމަށާއި، އޭރުގެ ޖަލުތަކުގެ ޙާލަތާ އަޅާކިޔާއިރު، ކަރެކްޝަނަލް އޮފިސަރސް ވަރަށް މަދުކަމަށާއި ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓީ އެންއެސްއެސް ކަމަށް ވިދާޅުވިއެވެ. އަދި އެހެން ހާދިސާއަކަށްފަހު، ބަދަލުތަކެއް އައިސް ޤާނޫނެއް ވުޖޫދުވެ، މިހާރު ތަމްރީން ހަދައިގެން ތިބި އޮފިސަރުންނާއެކު ޖަލުތަކުގެ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ކަރެކްޝަންސްގެ އޮފިސަރުން ކުޑަ ބަޖެޓަކާއި ވަސީލަތްތަކަކާއެކު ބުރަބޮޑު މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވަމުން، ދަސްވެނިންނަށް އައްސަރިބަހާއި ސާބަސް ކިޔުއްވަމުން ސީޖީ ނަސޭހަތްތެރިވެލެއްވީ މާތް ﷲ ގަންދީ ހުވާ ކޮށްފައިވާކަމަށާއި ޔުނީފޯރމްގައި ހުރި އެއްވެސް ގޯސްކަމެއް ކުރަން ހިތަށް އެރިޔަސް ވަޒީފާއިން ވަކިވާން ސިޓީ ފޮނުވުމާއި، ޤައުމީ ވާޖިބު އަދާކުރުމުގައި އިޙްލާސްތެރިކަމާއި ތެދުވެރިކަމުގެ މުހިއްމުކަމާއި ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ޙައްގުތައް ނުގެއްލޭގޮތަށް މަސައްކަތްކުރުމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ކުރަމުންދެންދަނީ ވަރަށް މުހިއްމު އަދި ބުރަ ޤައުމީ ވާޖިބެއް ކަމަށާއި 55 އަހަރުވީ މި ޚިދުމަތަކަށް، 2013 ގައި ޤާނޫނު ވުޖޫދުވެގެން ސިވިލް ސަރވިސްއިން ވަކި ޚިދުމަތަކަށް ބަދަލުވެގެން ގޮސް ތަރައްޤީ ވެފައިވީ ނަމަވެސް، ކަރެކްޝަންސްގެ މަސައްކަތްތައް އެންމެ ބޭނުންވާވަރަށް ޒަމާނީ ވެފައިނުވާކަމަށެވެ. އޮފިސަރުން ތަމްރީނުކުރަމަށާއި ޤައިދީން އިސްލާހުކުރުމަށް އައިކޯސްޓުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، މިހާރުވެސް 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކިޔަވަމުންދާ ކަމަށެވެ. އަދި ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމަށްފަހު، އެ ގެއްލުނު ގޮޅިތަކުގެ ޖާގަތަކަށް ޙައްލެއް ނުހޯދެނީސް ޖަލުތަކަށް ބަންދުކުރުމަށް 520 އަށް ވުރެއް ގިނަ މީހުން ވައްދަން ޖެހުމުން، ޖަލުތަކުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ޤާނުނުގައި ލާޒިމްކުރާ ރޭޝިއޯއަށްވުރެއް އޮފިސަރުން މަދުވެ، ތިބި އޮފިސަރުންނަށް ލޯޑު ބޮޑުވެގެންދާކަން ފާހަގަކުރެއްވިއެވެ. ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާކަމަށާއި އަދި ކައިރި މުސްތަޤްބަލެއްގައި 300 އަށް ވުރެއް ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވެދާނެ ކަމަށާއި، އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށް ދަސްވެނިވި 10 ކުދިންގެ އިތުރުން މިހާރުވެސް މާފުށީ ޖަލުގައި އޮފިސަރުންތަކެއް ތަމްރީން ހާސިލުކުރަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ. ޕްރިޒަން އޮފިސަރުންގެ ހިތްވަރާއި ހީވާގި މަސައްކަތްތަކަށް އަލި އަޅުއްވާލައްވަމުން ސީޕީ ފާހަގަކުރެއްވީ ކަރެކްޝަންސްގެ އޮފިސަރުން ސިފައިން އަދި ފުލުހުން ފަދައިން ޤައުމަށްޓަކައި ޚިދުމަތްކޮށް ފުރާނައިން ގުރުބާންވާނެކަމަށް ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި، ޒަމާނީ ވަސީލަތްތައް މަދުނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށް މަސައްކަތްކުރާކަމެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެލައްވަމުން، އޮފިސަރުންނާއި މުވައްޒަފުންގެ ހިވާތި އަދި ބުރަ މަސައްކަތްތަކަށް ޝުކުރުދެންނެވިއެވެ.





