ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ބަހައްޓާ ބެގެޖް ސްކްރީނިންގ މެޝިން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކޮށްދެއްވި ބެގެޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެކެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.

މި މެޝިން ބޭނުންކުރާގޮތުގެ ތަމްރީން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ފޯރުކޮށްދެއްވާފައިވީއިރު، ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ފޯރުކޮށްދެއްވާފައެވެ.

މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެއެވެ.