މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މަޙްމޫދު ރިޔާޒް، ކަރެކްޝަންސްގެ އެގްޒަކަޓިވް އަދި ސީނިއަރ ލެވެލްގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުން އަދި ދަޢުވަތު އެރުއްވި މެޙެމާނުން ބައިވެރިވެލެއްވިއެވެ.

ޤައިދީން ރިހެބިލިޓޭޓްކޮށް، ޖަލުން ނިކުންނައިރު މުޖްތަމަޢުއަށް ފައިދާހުރި، މަސައްކަތްތެރި ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހިންގާފައިވާ އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް މި ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ. އޭގެ ތެރޭގައި ރަމަޟާން މަހަށް ޚާއްސަކޮށް ޖަމީއަތުލް ސަލަފްއާ ގުޅިގެން ހިންގި ދީނީ ޕްރޮގްރާމް އަދި “އަވަސްވެގަންނާށެވެ 1447″، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ސޮނެވާ ނަމޫނާއާ ގުޅިގެން ހިންގި “ކާދު 100” ޕްރޮގްރާމް ފުރިހަމަ ކުރި ޤައިދީންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.


އަދި ކޯސްތަކުގެ މުދައްރިބުންނަށާއި ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫޢުގެ ތެރެއިން، ކަސަބު ގެތުމާބެހޭގޮތުން ހިންގި ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށާއި މުވައްޒަފަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.



މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން ވަނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އަލަށް ތަޢާރަފްކުރި “ސެޓްފިކެޓް 1 އިން ޤިރާތު” ވަނީ މިއަދު އިފްތިތާހުކޮށްދެއްވައިފައެވެ. މި ކޯހުގެ ދެ ބެޗްގައި ޖުމްލަ 67 ޤައިދީން ވަނީ ބައިވެރިވެފައެވެ. މިއީ އައިކޯސްޓްއިން ޤިރާތު ކޯސް އެހެން އިންސްޓިޓިއުޓެއްގެ އެހީތެރިކަމާ ނުލާ ހިންގާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، އައިކޯސްޓްއިން ކުރިއަށް ހިންގުމަށް ރޭވިފައިވާ ކޯސްތައްވެސް މިނިސްޓަރ އިފްތިތާޙުކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއްކަމަށާއި، ޖަލުގައި ޤައިދުކޮށްގެން މީހުން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެންޖެހޭއިރު، އެ ތަނުގެ މަގްސަދަކަށް ވާންޖެހޭނީ މީހުން ގެންގުޅެފައި ތިބިގޮތަށް ދޫކޮށްލުން ނޫންކަމަށާއި، ޖަލަށް އަންނަ ކޮންމެ ލޮބުވެތި ރައްޔިތަކީ ޖަލުން ނިކުމެގެން ދާއިރުގައި މުޖްތަމަޢުއަށް ބޭނުންތެރި، މުޖްތަމަޢުއިން އެމީހަކަށް އިޙްތިރާމްކުރާ އަދި އެމީހުންގެ ޢާއިލާތަކުން ބަލައިގަންނަ، މުޖްތަމަޢުގައި ޢާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދި ދެން އަނބުރާ މިފަދަ ފެސިލިޓީއަކަށް ނާންނާނެ ކަމުގެ ފުރިހަމަ އަޒުމާއެކުގައި ނިކުންނަ މީހެއް ކަމުގައިއެވެ.

ޖަލުތަކުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ފާހަގަކުރެއްވީ ދުވަސްތަކަކަށްފަހު ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާކަމަށާއި، ދެ އަހަރު ދުވަހެއްގެ ތެރޭގައި މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗަރގެ މައްސަލަތަކަށްވެސް ޙައްލެއް ލިބިގެންދާނެކަމެވެ. އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހެއް، އެ ޤައިދީއެއްގެ ޖަލު ޙުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހެދުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ޖަލުތަކުގެ ހިންގުމާއި ސެކިއުރިޓީ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެމްސީއެސްގެ އޮފިސަރުން ވަރަށް ބުރަ އަދި ހީވާގިކަމާއެކު މަސައްކަތްކުރަމުން ގެންދާކަމެވެ. ސެޓްފިކެޓް ހާޞިލްކުރި ޤައިދީންނާ މުޙާތަބްކުރައްވާ ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ފާހަގަކުރެއްވީ، ބޭފަޅަކު ޖަލަށްލުމުން މުޅި އުމުރު ދިޔައީކީ ނޫންކަމަށާއި، އަޒުމާއި ހިތްވަރާއެކު ޤައިދީން އިސްނަގައިގެން ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހަރުދަނާވުމަށް މަސައްކަތްކުރާތީ އުފާކުރައްވާކަމެވެ. އައިކޯސްޓްގެ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުދައްރިބުންނަށް ޝުކުރުއަދާކުރައްވަމުން ވިދާޅުވީ، މުސްތަޤްބަލުގައި އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންގެ މަސައްކަތްތަކަށާއި އެމްސީއެސްއަށް ވެދެއްވާ އެހީތެރިކަމަށް ތަޢުރީފްކުރައްވަމުން ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލައްވިއެވެ.




