މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޚާއްސަކޮށް، ޕްރިޒަން ކަލަބްއިން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނަމުގައި ކުރިއަށްގެންދާ “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2026″ ގެ ފޯރިގަދަ ސެމީ ފައިނަލް ދެ މެޗް ރޭ ކުޅެ، ފައިނަލް މެޗްގައި ވާދަކުރާނީ ޓީމް މާފުށީ ޕްރިޒަން އާއި ޓީމް އެޗްކިއުއެވެ.

މިއީ “ޕީއާރްސީ ސީޕީ ފުޓްސަލް ޓޯރނަމަންޓް 2026″ ބާއްވާ ދެވަނަ އަހަރެވެ.
މާފުށީ ޖަލުގެ ފުޓްސަލް ގްރައުންޑްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗްގައި ޓީމް މާފުށީ ޕްރިޒަން އާއި ޓީމް އައްސޭރި ޕްރިޒަން ވާދަކޮށް، މެޗް 4-0 ން ކާމިޔާބުކުރީ ޓީމް މާފުށީ ޕްރިޒަންއެވެ. ޓީމް މާފުށީ ޕްރިޒަން ލަނޑުތައް ޖަހާފައިވަނީ މުރްތަޖާ މުޙައްމަދު އާއި އަޙްމަދު ޝައިހާން އާއި ޢަލީ ނާއިފްއެވެ. މިގޮތުން “މޭން އޮފް ދަ މެޗް” ކަން ހާޞިލްކޮށްފައިވަނީ ދެ ލަނޑު ޖަހައިދިން މުރްތަޖާ މުޙައްމަދުއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ޓީމް އެޗްކިއު އާއި ޓީމް އީއެސްޖީ ވާދަކޮށް، މެޗް ކާމިޔާބުކުރީ ޓީމް އެޗްކިއުއެވެ. ޓީމް އީއެސްޖީއަށް ލަނޑެއް ޖެހިފައިނުވާއިރު، ޓީމް އެޗްކިއު އިން މެޗް ކާމިޔާބުކުރީ އާދަމް މަންޞޫރު އާއި ޢިސްމާޢީލް ޒަރީރު ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ. އަދި “މޭން އޮފް ދަ މެޗް” ހޯދާފައިވަނީ އެޗްކިއުގެ އާދަމް މަންޞޫރުއެވެ.

ޓީމް މާފުށީ ޕްރިޒަން އާއި ޓީމް އެޗްކިއު ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ 2026 މެއި 02 ގައެވެ.

މި ޓޯނަމަންޓްގައި ބައިވެރިވެފައިވަނީ ޓީމް އެޗްކިއު، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލޭ ޕްރިޒަން، ޓީމް އައްސޭރި ޕްރިޒަން އަދި ޓީމް އީއެސްޖީއެވެ.




