މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން އެ ޖަލުގައި މެޑިކަލް ކޭމްޕެއް މިއަދު ހިންގައިފިއެވެ.

މި މެޑިކަލް ކޭމްޕްގައި ކަރުން މަތީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ލޮލުގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ. މިގޮތުން 60 ޤައިދީންނާއި ބަންދުމީހުންނަށް ކޮންސަލްޓޭޝަން ދީފައިވެއެވެ.
އަންހެން ޤައިދީންނާއި ބަންދުމީހުންނަށް ޚާއްސަކޮށް ހުޅުމާލެ ހޮސްޕިޓަލްގެ ކެންސަރު ބައްޔާ ބެހޭ ޑިޕަރޓްމަންޓް މެދުވެރިކޮށް އަންހެނުނަށް ޖެހޭ ކެންސަރު ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ކެންސަރު ބައްޔަށް ސްކްރީންކޮށްފައިވެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމާބެހޭގޮތުން ހޭލުންތެރިކުރުމަށް ސެޝަންއެއް ބާއްވައި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގ ދިނުންވެސް ހިމެނުނެވެ.

އައްސޭރި ޖަލުގައިވެސް މިމަހުގެ 13 ވަނަ ދުވަހު ދުންފަތުގެ އިސްތިޢުމާލު ކުރުމާބެހޭގޮތުން ހޭލުންތެރިކުރުމަށް ސެޝަން ކުރިއަށްގެންގޮސް، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގ ދިނުމާއި ފަރުވާ ދޭން ފަށާފައިވެއެވެ.

މި މެޑިކަލް ކޭމްޕް ހިންގުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް އެހެން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިނުމެވެ. އަދި މުސްތަޤްބަލުގައިވެސް މިފަދަ ކޭމްޕްތައް ޖަލުތަކުގައި ކުރިއަށް ގެންދާނެއެވެ.




