މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްއާން އުނގަންނާދިނުމާ ގުޅޭގޮތުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުއާއެކު ފަހުމުނާމާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ފަހުމުނާމާގައި ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއި ކުރެވުނު މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތްތަކާ އެއްގޮތަށް، މޯލްޑިވިސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށްދިނުމެވެ.

ފަހުމުނާމާ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ މިއަދު ސޮއިކުރެވުނު މި ފަހުމުނާމާއަކީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުގައި ކުރެވުނު ކަމެއްކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ބޭފުޅުންނަށް ކީރިތި ޤުރްއާން އުގަންނައިދިނުމަށްޓަކައި އެ މަރުކަޒުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށެވެ. އަދި އެ މަރުކަޒުން ހިންގާ އެންމެހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް އިންޝާ ﷲ މުސްތަޤްބަލުގައި ޖަލުތަކުގައި ހިންގާނެކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އަބަދުވެސް ދެއްވަމުން ގެންދާ އެހީތެރިކަމާއި، ޚާއްސަކޮށް ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަށްވުރެއް ފުޅާ ދާއިރާއެއްގައި މިހާރު މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބި އިރު، އޭގެ ތެރެއިން ބައެއް ފަރާތްތައް ސްކޫލް ނިންމިއިރުވެސް ރަނގަޅަށް ކީރިތި ޤުރްއާން ކިޔަވަން ނޭނގޭކަމަށާއި މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ކީރިތި ޤުރްޢާން އުގަންނާދެވޭނެ ފުރުސަތު ލިބިގެންދާކަމަށެވެ. އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޮސްތަކާއި ޕްރޮގްރާމްތަކުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އޮތްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ފަހުމުނާމާގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ފަރާތްތަކަށް ޤުރްއާން އަދި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ. އަދި ކުޑަކުދިން ބަންދުރާ މަރުކަޒުގައި ތިބި ކުޑަކުދިންނަށްގެ ތަޢުލީމީ ފެންވަރަށް ރިޢާއަތްކޮށް ކްލާސްތައް ނަގައިދޭނެ މުޤައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އިމްތިޙާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކްލާސްތައް ހިންގުން ހިމެނެއެވެ.