މާފުށީ ޖަލުގެ ޤައިދީންނަށް ޚާއްސަ “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް  “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” މިއަދު ފަށައިފިއެވެ.

“އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޓޯނަމަންޓް އިފްތިތާޙުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން، ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ މުވައްޒަފުން ބައިވެރިވެއެވެ.

މި ޓޯނަމަންޓް އިންތިޒާމްކޮށް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޤައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުމެވެ. އަދި މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ޤައިދީންގެ އުޅުމާއި އަޙްލާގަށް ހެޔޮ ބަދަލު އައިސް، އިސްލާޙުވުމަށް ލިބޭ އިތުރު ހިތްވަރެކެވެ. އެގޮތުން މި ސަރވިސްއިން އަންނަނީ ސަރުކާރުގެ ޕޮލިސީ ތަކާއި އެއްގޮތަށް ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް  މިހާރު ހިންގާ ޕޮރޮގްރާމްތަކުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ތައްޔާރު ވަމުންނެވެ.

މިމުބަރާތާ ގުޅޭގޮތުން ޤައިދީންގެ ޝުޢޫރު ހާމަ ކުރަމުން އެމީހުން ބުނީ މިފަދަ ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުމީ ވަރަށް އުފާކުރާ ކަމެއްކަމަށާއި، ދުޅަ ހެޔޮ ސިއްޙަތެއްގައި ތިބުމަށް މިފަދަ ފިޒިކަލް ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުން މުހިންމު ކަމަށެވެ.

މި ޓޯނަމަންޓް ކުރިއަށް ދަނީ ލީގު އުޞޫލުން، އެންމެ ޕޮއިންޓް ގިނަ ދެ ޓީމު ފައިނަލްގައި ވާދަ ކުރާގޮތަށެވެ. މި ޓޯނަމަންޓްގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެއެވެ. މި ޓޯނަމަންޓްގައި އެކި ޤައުމުތަކުގެ ބައެއް ޤައިދީންނާއެކު ޖުމްލަކޮށް 114 ޤައިދީން ބައިވެރިވެފައިވެއެވެ.

މި ޓޯނަމަންޓް ފެށުމުގެ ރަސްމިއްޔާތުގައި ރިހެބިލިޓޭޝަނަށް ޚާއްސަ ލަވައެއް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާން އިފްތިތާޙް ކޮށްދެއްވާފައިވެއެވެ. އަދި ބައިވެރިންގެ ފަރާތުން މިނިސްޓަރ އަށާއި ޝަރަފްވެރި މެހެމާން ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފްއަށް ހަދިޔާއެއްގެ ގޮތުން އަތްތެރިމަސައްކަތުން ހަދާފައިވާ ދެ ޓުކުރި އެރުވިއެވެ.  

އަދި ޓޯނަމަންޓްގެ ބައިވެރިންނާ މުޙާތަބްކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޖަލުގައި ހުންނަ ވަގުތުކޮޅު ހޭދަކޮށްފައި ޖަލުން ނިކުމެގެން ދާއިރު ޒިންމާދާރު އަދި އެބަޔަކަށްޓަކައި އެންމެން ފަޚުރުވެރިވާ، އަދި ޢާއިލާތައްވެސް ފަޚުރުވެރިވާފަދަ ބަޔަކަށް ހެދުމަށްޓަކައި މިފަދަ އެކިއެކި ޕްރޮގްރާމްތައް ހިންގޭކަމަށާއި މި ޓޯނަމަންޓްގައި އެހާ ފުރިހަމައަށް ބައިވެރިވެފައިވާތީ އެއީ، މި މަސައްކަތުގެ ކާމިޔާބީއެއް ކަމަށެވެ. އަދި ބައިވެރިންގެ ކިބައިން މިނިސްޓަރ އެދިލެއްވީ ގޮޅުތަކަށް އަނބުރާ ގޮސް ދެން ތިބޭ ބޭފުޅުންނަށްވެސް މިކަންކަމުގައި ބައިވެރިވުމަށް ބާރުއަޅާ، ޖަލުތެރޭގައި ހޭދަކުރާ މުއްދަތަކީ ދެފަރާތަށްވެސް ފަސޭހަކޮށް، އެންމެން ގުޅިގެން އެއްދިމާލަކަށް މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްކޮށް، ވިސްނައިދިނުމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވާހަކަފުޅު ދައްކަވަމުން މި ޓޯނަމަންޓް އިންތިޒާމްކުރި މާފުށީ ޖަލަށާއި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރުދެންނެވިއެވެ. އަދި ފާހަގަކުރެއްވީ މި ސަރވިސްގެ މަސައްކަތަކީ ވަރަށް މުޙިއްމު ޤައުމީ މަސައްކަތެއް ކަމަށާއި ޖަލުގައި ތިބި ފަރާތްތަކުގެ ތެރޭގައި ގާތްގަނޑަކަށް 80 އިން ސައްތައަކީ އުމުރުން 35 ވުރެއް ހަގު ކުދިންކަމަށާއި އެއީ މި ޤައުމުގެ މުސްތަޤްބަލް ކަމަށެވެ. އަދި ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގިގެން ޖަލުން ސަލާމަތްވެ، މުޖްމަޢުއަށް ޚިދުމަތްކުރާނެ ބަޔަކަށް ހެދުން ކަމުގައި ދެކިވަޑައިގަންނަވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.