ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށް، ރޭ އިފްތިތާހުކުރި “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025” ގައި ޤައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރުތައް ދައްކާލައިފިއެވެ.

“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025” ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ހުނަރާއި މަސައްކަތްތައް ދައްކާލައިފާ ވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްެރިސްކޯ) މެދުވެރިކޮށެވެ.
އެގޮތުން މި މައުރަޒުގައި ބައިވެރިކުރި އައިޓަމްތަކުގެ ތެރޭގައި 21 ޤައިދީންގެ 16 އައިޓަމް އާއި ދެ އޮފިސަރުންގެ ހަތަރު އައިޓަމް ހިނެއެވެ.

މިމަހު 23 ން ފެށިގެން 31 އާ ހަމައަށް ކުރިއަށްދާ މި މައުރަޒުގައި ޤައިދީންގެ އައިޓަމްތައް ބައިވެރިކުރުމުގެ މަގްސަދަކީ ޤައިދީންނަށް އެމީހުންގެ ހުނަރުތައް މުޖްތަމަޢުއަށް ދައްކާލުމަށް ފުރުސަތުތައް ހޯދައިދިނުމާއި ރިހެބިލިޓޭޝަން ޕްެރޮގްރާމްތަކުގެ ތެރެއިން އެފާރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.

އަދި މި މައުރަޒުގައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ބައިވެރިވި ޤައިދީންފެ ތެރެއިން ތިން ޤައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ރޭ ދެވިފައިވީއިރު، މައުރަޒު ކުރިއަށްދާއިރު އިތުރު ޤައިދީންނަށް މި ފުރުސަތު ދެވޭނެއެވެ.