“އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް” ގެ ދެވަނަ ބެޗް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގި “އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް” ގެ ދެވަނަ ބެޗްގެ ނިމުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މިއީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދިޔަ  15 ދުވަހުގެ މި ކޯސް ފަށާފައިވަނީ 25 ސެޕްޓެމްބަރު 2024 ގައެވެ. މި ކޯހުގެ ދެވަނަ ބެޗްގައި ބައިވެރިވެފައިވަނީ ހަ ފިރިހެން އޮފިސަރުންނާއި ދެ އަންހެން އޮފިސަރުންނެވެ.

މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު، އައިކޯސްޓްގެ ޑައިރެކްޓަރ ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ލުޤްމާން، މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް ޢަބްދުލް ޣަނީ، ކޮމިޝަންޑް އޮފިސަރުންނާއި ޕްރޮގްރާމްގެ ދަރިވަރުން ބައިވެރިވިއެވެ.

ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް އާއި އިންސްޓްރަކްޓަރުންނަށް ޚާއްސަ ފްލޭޝް ބެޖް ޙަވާލްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. އަދި މި ކޯހުގެ އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ ޕްރައިވެޓް އާދަމް މުޒްހިރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން އަދާކުރަނީ ޤައުމީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް ކަމަށެވެ. އަދި މަސްޢޫލިއްޔަތު އަދާކުރުމަށް އިހުނަށްވުރެއް ޒިންމާދާރުކަމާއެކު ކުރިއަށް ގެންދިއުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. ކޯހުގެ ދަސްވެނިންނަށް މުޙާތަބްކުރައްވަމުން ކޮމިޝަނަރ ނަސޭހަތްތެރިވެލެއްވީ ދަރިވަރުން ތަމްރީންކުރުމުގައި އުފުލާ ޒިންމާ ފަރުވާތެރި އަދި ޒިންމާދާރުކަމާއެކު ކުރިއަށް ގެންދިއުމަށެވެ.