މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު 6:52 ގައި ޢަބްދުލް ޣަނީ އިސްމާޢީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޑޮކްޓަރު ވަނީ 7:21 ގައި ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވެފައިވާކަމަށް ކަނޑައަޅާފައެވެ.

މީނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ. އަދި މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ވަނީ ތަހުގީގުކުރަން ފަށާފައެވެ.