އައްސޭރި ޖަލުގެ ޚިދުމަތަށް 15 އަހަރު!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

މި  ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް އަފީފް އާއި ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވި މެހެމާނުންނާއި އައްސޭރި ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި އައްސޭރި ޖަޖަލުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި އެކި ރަނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށް ހަނދާނީ ލިޔުން އަދި ފިލާ ޙަވާލުކުރުން ހިމެނުނެވެ. އޭގެ ތެރޭގައި އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން، 20 އަހަރަށްވުރެއް ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އޮފިސަރުންނަށާއި ހާޒިރީ އަށް ރަނގަޅު އޮފިސަރުންނާއި ފިޒިކަލް ޓެސްޓްގައި ވަނަ ތައް ހޯދާފައިވާ އޮފިސަރުން ހިމެނެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރް، އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއަރ މެނޭޖްމަންޓަށާއި އޮފިސަރުންނާއި މުވައްޒަފުންނަށް އަދި ޢާއިލާތަކަށް އަރިސްކުރެއްވިއެވެ. ކޮމިޝަނަރ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ބުރަ، ދީނީ އަދި ޤައުމީ މަސައްކަތެއްކަމަށާއި އެމްސީއެސްގެ އޮފިސަރުންނަކީ ތަމްރީނެއް ފުރިހަމަކޮށް، ހުވައެއް ކޮށްގެން ތިބި އޮފިސަރުން ކަމަށެވެ.

ކޮމިޝަނަރ ފާހަގަކުރެއްވީ މި ޖީލުގައި އަދި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާ ގުޅޭ މައްސަލަތައްކަމަށާއި، ޖަލުތަކުގައި ތިބި ޤައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙުކުމްކޮށްފައިވާ ދިވެހީންނާއި ބިދޭސީން ކަމަށާއި އެމީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ޤައުމީ ޖިހާދެއް ކަމަށެވެ.

ޖަލުތަކުގައި ހުރި އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ ޖަލުގައި ތިބި ޤައިދީންނާއި މަސައްކަތްކުރާ އޮފިސަރުން ގެ އެކަމަޑޭޝަން ފަދަ ކަންކަން ރަނގަޅުކުރުމަށް، ބަޖެޓްގެ ދަތިކަން ހުރިނަމަވެސް މަސައްކަތްކުރައްވަމުން ދާނެކަމަށް ކަށަވަރު ކޮށްދެއްވިއެވެ.

ޤައުމުގައި ހުރި އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫޢުތައް ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ތަޢުލީމީ ފުރުޞަތު ހޯދާދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، ސީޕީ ފާހަގަކުރެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެމްސީއެސްއިން ކުރާ މަސައްކަތްތައް ޢާންމުންނަށް ސާފުކޮށް ނޭނގޭ ކަމަށާއި ޖަލަށް މަނާތަކެތި ވެއްދުމުގައި ބައިވެރިވާ 100 އިން  އެއް އޮފިސަރުގެ ސަބަބުން އެމްސީއެސްގެ މޫނުމަތި ހަޑިވެފައިވާ ކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ޢަމަލުތައް ކުރުމާ ދުރުހެލިވެ، ހުވަޔާ އެއްގޮތަށް ސާބިތުކަންމަތީ ތިބުމަށް ނަސޭހަތްތެރިވެލެއްވިއެވެ.