މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފިޛް ކުރަމުންދާ ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫޢުގެ ތެރެއިން، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އިއްޔެ ފެށިއްޖެއެވެ.

ކަސަބު ގެތުން ތަޢާރަފްކޮށްދޭ މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ ފަސް އަންހެން އޮފިސަރުންނާއި ތިން ފިރިހެން އޮފިސަރުންނެވެ. މި ވޯކްޝޮޕްއަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ. އަދި ކަސަބު ގެތުން ދަސްކުރުމަށްފަހު، އެ އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ޕްރޮގްރާމް ތަކަކީ ޤައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ. މިއީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވޯކްޝޮޕްތަކެކެވެ.

މި ވޯކްޝޮޕްގައި ކަސަބު ބޯވަޅުގެ ތަޢާރަފް، ބޯވަޅުގެ ބައިތަކާއި ހިރު ތަކުގެ ނަންތައް، ރޮދި އޮޅާނެ ގޮތާއި ހިމަ ހިރު ގަތާ ގޮތް، ލިބާހުގެ އިތުރުން ކަސަބު ބޭނުން ކުރެވޭނެ އެހެން ގޮތްތައް ބައިވެރިންނަށް ތަޢާރަފްކޮށްދިނެވެ.

މާފުށީ ޖަލުގައި ކަލްޗަރަލް ސެންޓަރުގައި ޤާއިމްކުރުމުގެ ގޮތުން މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.