ޕީ.އާރު.ސީ ފުޓްސަލް ޓޯނަމަންޓް 2023: ޗެމްޕިއަންއަކީ ޓީމް އެޗްކިއު!

ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ޕީއާރުސީ ފުޓްސަލް މުބާރާތު 2023 ގެ ޗެމްޕިއަންކަން ޓީމް އެޗްކިއު އިން ހޯދައިފިއެވެ.

ރޭ މާފުށީ ޖަލުގެ ފުޓްސަލް ގްރައުންޑްގައި ބޭއްވި ޕީއާރުސީ ފުޓްސަލް މުބާރާތު 2023 ގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ. ޝަރަފްވެރި މެހެމާންގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ހަޞަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޕްރިޒަން ކްލަބްގެ ރައީސް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ޖަލުތަކުގެ ޑިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންވެސް މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

22 ޑިސެމްބަރ 2023 ން ފެށިން 07 ޖަނަވަރީ 2024 އާ ހަމަ ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލް މެޗްގައި ޓީމް އެޗްކިއު ޗެމްޕިއަންކަން ހޯދީ މާފުށީ ޖަލުގެ ޓީމާ ބައްދަލުކޮށް، 3-2 ލަނޑުންނެވެ.

މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ 1 މިނެޓް 30 ސިކުންތުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ޓީމް އެޗްކިއު އިންނެވެ. އަދި ހަމަ އޭގެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މާފުށީ ޖަލުގެ ޓީމްއިން ވަނީ ލަނޑެއް ޖަހާ، އެއްވަރުކޮށްފައެވެ. އަދި ދެވަނަ ހާފްގައި ޓީމް އެޗްކިއު އިން ދެވަނަ ލަނޑު ޖެހުމާއެކު، މާފުށީ ޖަލުގެ ޓީމް އިން ވެސް ވަނީ ދެވަނަ ލަނޑު ޖަހާ، އަނެއްކާ އެއްވަރުކޮށްފައެވެ. އަދި މެޗްގެ ފަހު ދެ މިނިޓްގެ ތެރޭގައި ޓީމް އެޗްކިއު އިން ތިން ވަނަ ލަނޑު ޖަހާ، މެޗް ކާމިޔާބުކުރިއެވެ. މި “މެޗްގެ މޭން އޮފް ދަ މެޗް” އަކީ ޓީމް އެޗްކިއުގެ އާދަމް މަންޞޫރުއެވެ.

މުބާރާތުގެ ފާހަގަކޮށްލެވުނު ވަނަ ތަކުގެ ތެރޭގައި:

  • “ރަނަރަޕް ޓީމް” – މާފުށީ ޖަލު
  • “ފެއަރ ޕްލޭ ޓީމް” – މާލޭ ޖަލު
  • “ބެސްޓް މީޑިއާ” – އައްސޭރި ޖަލު
  • “ޓޮޕް ސްކޯރަރ” ޕްރިޒަން ޕްރައިވެޓް މުޙައްމަދު ޝާއިން – ހުޅުމާލޭ ޖަލު
  • “ކިންޓް އޮފް ދަ ޓޯނަމަންޓް” – ޕްރިޒަން ލާންސް ކޯޕަރަލް މުޙައްމަދު ހަފީޒް

ޕީއާރުސީ ފުޓްސަލް މުބާރާތު 2023 އަކީ ޕްރިޒަން ކްލަބްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ބޭއްވި ތިން ވަނަ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ ހަ ޓީމް ބައިވެރިވެފައިވެއެވެ. އެއީ ޓީމް އެޗްކިއު، މާލޭ ޖަލު، ހުޅުމާލޭ ޖަލު، އައްސޭރި ޖަލު، މާފުށީ ޖަލު އަދި އީއެސްޖީއެވެ.