ހުޅުމާލޭ 1039 ޖީ06، އަލްފާޟިލް ޙަސަން ޒަރީރު އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި 6 ވަނަ ބޭފުޅެވެ.
ބިޒްނަސްގެ ދާއިރާއިން ބެޗްލަރސް އަދި މާސްޓަރސް ޑިގްރީ ހާޞިލްކުރެއްވުމުގެ އިތުރުން، ކޮމިޝަރ ޙަސަން ޒަރީރު ވަނީ ސަސްޓޭނަބަލް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ފުރިހަމަ ކުރައްވާފައެވެ.
2014 ން ފެށިގެން 2018 އާ ހަމައަށް ކޮމިޝަނަރ ޒަރީރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ ގެ މަޤާމު އަދާކުރައްވާފައިވީއިރު، ކޮމިޝަނަރގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް ކޮންސަލްޓަންޓްގެ މަޤާމުގައެވެ. ކޮމިޝަނަރ ޒަރީރު ވަނީ 2012 ން ފެށިގެން 2017 އާ ހަމައަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަން ކުރައްވާފައެވެ. އަދި އަމިއްލަ ކުންފުނި ތަކުގައި މެނޭޖަރ އަދި ޑިރެކްޓަރ ލެވެލްގައި މަސައްކަތްކުރެއްވުމުގެ އިތުރުން ކޮމިޝަނަރ ޒަރީރު ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގައި އެކި މަގާމްތަކުގައި 11 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން މިފްކޯގެ ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ސުޕްރިންޓެންޑަންޓްކަން 7 އަހަރު ދުވަހު ކުރައްވާފައިވެއެވެ.
ކޮމިޝަނަރ ޙަސަން ޒަރީރު ވަނީ 23 ނޮވެމްބަރު 2023 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޢައްޔަނުކުރައްވާފައެވެ.
އިންސާނީ ހައްޤުތަކަށް ވަކާލާތުކުރުމާއި އިޖްތިމާއީ ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރައްވާ ފަރާތެއްގެ ހައިޞިއްޔަތުން ކޮމިޝަނަރ ޙަސަން ޒަރީރު އަކީ އެކިއެކި އިޖްތިމާއީ ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާފައި ބޭފުޅެކެވެ. އަދި މިގޮތުން ކޮމިޝަނަރ، ހޯޕް އެސޯސިއޭޝަންގެ ރައީސްކަން އަދާކުރައްވަމުންދުއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއަށް ތަހުނިޔާ އަރިސްކޮށް، މަރުހަބާ ދަންނަވަމެވެ.