މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 10 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.
މިއީ އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 28 ވަނަ ބެޗެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާން އެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޑރ މުޙައްމަދު ކިނާނަތު، ޣާޒީ އަލްއުސްތާޛު ފައިޞަލް އާދަމް، އައިކޯސްޓްގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުލް ޣަނީ، ޖަލުތަކުގެ ޑައިރެކްޓަރުން، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އައިޝަތު ނޫރާ މުޙައްމަދު، ޕޮލިސް ބޯޑްގެ މެންބަރުން، ކޮމިޝަންޑް ރޭންކްގެ އޮފިސަރުންނާއި ދަޢުވަތު އެރުވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
22 ޖުލައި 2023 ގައި ފެށި މި ޓްރޭނިންގ އަކީ 03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޓްރޭނިންގއެކެވެ. 38 ޓްރޭނީއިންނާއެކު މި ޓްރޭނިންގ ޕްރޮގްރާމް ފަށާފައިވާއިރު، އޭގެ ތެރެއިން 37 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށް ދިޔަ ގޮތުގެ ވީޑިއޯ ރިޕޯޓް ހުށަހެޅުން ހިމެނުނެވެ. އަދި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވާއިރު، ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން އެންމެ ދުޅަ ހެޔޮ ފިރިހެން އޮފިސަރާއި، ތަޢުލީމީ ރޮގުން އެންމެ މޮޅު އޮފިސަރާއި، އަމަލީ ގޮތުން އެންމެ މޮޅު އޮފިސަރުގެ އިތުރުން “ކޮމިޝަނަރ އޮފް ޕްރިޒަންސް އެވޯޑް” ހޮވާ، ސެޓްފިކެޓް އަދި ސެޓްފިކެޓް އަދި ޝީލްޑް ޙަވާލުކޮށްދެއްވާފައިވާއިރު، “ބެސްޓް އޯލް ރައުންޑް” އަށް ހޮވިފައިވާ ޕްރައިވެޓް މުޙައްމަދު ހިޝާމް އިސްމާޢީލް އަށް ސެޓްފިކެޓް، ޝީލްޑް، ސޭޝް އަދި ބެރޭ ޙަވާލުކޮށްފައިވެއެވެ. މީގެ އިތުރުން ކޮންމެ ޕްލެޓޫންއަކުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރުންނަށް ޝީލްޑް ދެވިފައިވާއިރު، އެންމެ މޮޅު ޕްލެޓޫން އަށް ވަނީ ޓްރޮފީއެއް ދީފައެވެ. މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ޣާޒީ އަލްއުސްތާޛު ފައިޞަލް އާދަމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ މި ވަގުތު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިނގަމުން އަންނަ އެންމެ މުހިއްމު އެއް މުވައްސަސާކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން މުޖްތަމައުއިން އެކަހެރިވެ، ބާކީވެ، އެއްފަރާތް ވެފައިވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ޒިންމާ ނަގާ، އެ ރައްޔިތުން މުޖްތަމަޢުއަށް އަނބުރާ ގެނައުމުގެ ޒިންމާއާ ޙަވާލުވެފައިވާ ވަރަށް މުޙިއްމު މުވައްސަސާއެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުވައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގަ ދެވެންއޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވިސްނުންފުޅަކީ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޔުނިފޯމް ހުރިހާ މުވައްސަސާއެއްގެ އަސާސީ ތަމްރީނަކީ އެއް ތަމްރީނަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ.
އޮފިސަރުން ކުރި ހުވާއަށް އަލިއަޅުއްވާ ލައްވަމުން މިނިސްޓަރ ވިދާޅުވީ ހުވައެއް ކޮށްގެން ޤައުމީ ޚިދުމަތަށް ނުކުންނަ އޮފިސަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތަށް ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމަށެވެ. ކިތަންމެވަރަކަށްވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައި މި މުއައްސަސާގައި އޮންނަން ބޭނުންވިއަސް، ތަމްރީނު ކުރެވި ހުވާކުރެވިފައި ތިބޭ އޮފިސަރުންގެ އެ ހުވަޔާއި ޚިލާފަށް އެބޭބޭފުޅުން ބޭނުންކުރައްވައިގެން އުޞޫލުތައް ނައްތާލާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާޚިލީ ސަލާމަތަށްވެސް ބުރު އަރާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދަސްވެނިންނަށް މުޙާތަބްކުރައްވަމުން ނަސޭހަތްތެރިވެލެއްވީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއްގައި ކުރެވިގެންނުވާނެ ކަމަށާއި މި މޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެއްވެސް އޮފިސަރެއްގެ އަދި މުވައްޒަފެއްގެ ފަރާތުން މިއަދާ ހިސާބުން ފެށިގެން ކޮރަޕްޝަންގެ ފައިސާއާއި މިކަހަލަ ކަންކަމާ ގުޅިގެން އަގު ވިއްކާލާ، އިންޓެގްރިޓީ ގެއްލުވާލާ ފަދަ މައްސަލައެއް ޓޮލަރޭޓް ނުކުއްވާނެކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި ދަސްވެނިންނަށް މަރުހަބާ ދަންނަވަމުން، ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާގެ މުހިއްމު ކަމަށް އަލިއަޅުއްވާ ލެއްވިއެވެ. އަދި މިސާލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް ޑރ މުޙައްމަދު މުއިއްޒު އާއި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާންގެ މިސާލު މި ރޮގުން ނެންގެވިއެވެ. ދިވެހި އާ ޖީލުގެ ކިބައިގައި ޤައުމިއްޔަތާއި ޑިސިޕްލިން ބިނާކުރުމާއި ދީނީ ތަރަހައިގެ މުހިއްމުކަން ފާހަގަކުރައްވަމުން، ކޮމިޝަނަރ ވިދާޅުވީ އޮފިސަރުން އުފުލަން ޖެހޭ މަސްޢޫލިއްޔަތަކީ ވަރަށް ވަރުގަދަ މަސްޢޫލިއްޔަތެއް ކަމަށާއި ހިތްވަރާއި ބުރަ މަސައްކަތަކާއެކީގައި ދަސްކޮށްދެއްވާފައިވާ ކަމަށާއި އަޒުމް ކަނޑަ އަޅަންޖެހޭނީ މުޖްތަމަޢުގައި ގަދަރުދޭ އަދި ލިބިދޭ އޮފިސަރުންނަށް ވުމަށް ކަމަށެވެ. ޖަލު ތެރޭގައި ދަންނަ ގާތް މީހަކު އޮތަސް، އަޒުމުކަނޑަ އަޅާ، ޢަމަލު ކުރަން ޖެހޭނީ ކުރާ ހުވާއާ އެއްގޮތަށް ކަމަށް ނަސޭހަތްތެރިވެލެއްވިއެވެ.
އައިކޯސްޓްއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވަމުން ކޮމިޝަނަރ ވިދާޅުވީ އައިކޯސްޓް ތަރައްޤީކޮށް، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގޭނެ ގޮތް މެދުވެރިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ދަސްވެނިންނަށް ނަސޭހަތްތެރިވެލެއްވީ ވަޒީފާގެ މާހައުލާ ގުޅުމުގެ ފަހުން ރައްޓެހިންނާއި ދަންނަ މީހުންގެ ކިބައިން ގޯސް ހުށަހެޅުމެއް އަންނަ ކަމުގައިވަނީނަމަ، އެކަންކަމަށް ނޫނެކޭ ބުނުމަށެވެ. ވާހަކަފުޅު ނިންމާލައްވަމުން އައިކޯސްޓްއާއި ރަސްމިއްޔާތު ހިންގުމުގައި އެހީތެރިވި ފަރާތްތަކަށާއި ދަންވެނިންގެ މައިންބަފައިންނަށް ޝުކުރު އަދާކުރެއްވިއެވެ.