ހުޅުމާލޭ ޖަލުގެ 11 ވަނަ އަހަރީ ދުވަސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަލުގައި ރޭ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި  ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވި މެހެމާނުންނާއި ހުޅުމާލޭ ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރް، ހުޅުމާލޭ ޖަލުގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއަރ މެނޭޖްމަންޓަށާއި އޮފިސަރުންނާއި މުވައްޒަފުންނަށް އަދި ޢާއިލާތަކަށް އަރިސްކުރެއްވިއެވެ. ކޮމިޝަނަރ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ވަރުގަދަ ޤައުމީ މަސައްކަތެއްކަމަށާއި ރެއާ ދުވާލު ވަރަށް އޯގަނައިޒްޑްކޮށް މަސައްކަތް ކުރަމުންދާއިރު، ބޮޑު ގުރުބާނީއެއް ވަމުންދާކަމަށް ވިދާޅުވިއެވެ. އޯގަތެރިކަމާއެކު ޤައިދީންނާއި ބަންދު މީހުންނާ މެދު އޮފިސަރުން ޢަމަލުކުރަމުންދާކަން ފާހަގަކުރެއްވުނު ކަމަށް ކޮމިޝަނަރ ވިދާޅުވަމުން ފާހަގަކުރެއްވީ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބަލަމުންދާ ހިނދެއްގައި، ހެދިފައިވާ މުއާހަދާތަކާ އެއްގޮތަށް މަސައްކަތްކުރުމަށް މޭ އައްޑަނައަކަށް ހަދައިގެން، ފުރާނަ އަތްމައްޗަށް ނަގައިގެން ޤައުމީ ވާޖިބު އަދާކުރަމުންދާކަމަށެވެ.

ޖަލުތަކުގެ ޙާލަތަށް އިޝާރާތްކޮށްލައްވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ ޖަލުތަކުގެ ސްޓްރަކްޗަރ އަދުގެ ފެންވަރަށް ގެނެވުމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި އުމްރާނީ ވަޞީލަތްތައް އެކަށީގެންވާ ވަރަށް ޤާއިމުކުރެވިފައި ނުވާހިނދު، ޤައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި އެމްބިއުލާންސް ނެތި، އެހެން އެއްގަމު އަދި ކަނޑުގެ އުޅަނދުތައް އެކަށީގެންވާރަށް ނެތްކަން ފާހަގަކުރެއްވިއެވެ. މި މުވައްސަސާއަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލައްވަމުން އޮފިސަރުންނަށް ނަސޭހަތްތެރިވެލެއްވީ، އޮފިސަރުން ކުރައްވާ ބުރަ އަދި މުޙިއްމު މަސައްކަތަކީ އެމަނިކުފާނު އަގު ވަޒަންކޮށް، ފަޚުރުވެރިވާ މަސައްކަތެއް ކަމަށާއި މީހުންގެ ފާޑުކިއުން ލިބުނުނަމަވެސް، އޮފިސަރުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއެކު ދެމިތިބުމަށެވެ.