މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ރޭ އެ ޖަލުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ، ޑެޕއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ކޮމިޝަންޑް އޮފިސަރުންނާއި މާފުށީ ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު ހާޟިރީއަށާއި އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލާ އާއި ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި ވޭތުވެ ދިޔަ އަހަރުގައި ކުރިއަށްދިޔަ ކަންކަމަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއާ މެނޭޖްމަންޓަށާއި އޮފިސަރުންނާއި މުވައްޒަފުންނަށް އަރިސްކުރެއްވިއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި މާފުށީ ޖަލަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ ޖަލު ތަރައްޤީކުރުމުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށެވެ.
ބައެއް ކުއްތަކަށް ޖަލު ޙުކުމެއް ނޫން އަދަބު ނުވަތަ ކޮމިއުނިޓީ ކަރެކްޝަންސްގެ މުޙިއްމުކަމާމެދު ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮމިއުނިޓީ ސަރވިސް ޙުކުމް ތަންފީޛުކުރުމާބެހޭ ގަވާއިދެއް އެކުލަވާލާ، ގެޒެޓްކުރެވިފައި ވީނަމަވެސް، އެކަން ޢަމަލީ ގޮތުން ތަންފީޛުކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ ސަރުކާރުގެ އެހީގައި ކޮމިއުނިޓީ ކަރެކްޝަންސް ފްރޭމްވޯކްއެއް އެކުލަވާލުމުގެ މަސައްކަތްކުރިއަށް ދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، ޖަލުގެ އާބާދީގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުށެއް ކޮށްގެން އެއް އަހަރަށްވުރެއް ކުޑަ މުއްދަތަކަށް ޖަލަށް ގެނެސްފައިވާ މީހުންގެ ޕަސެންޓޭޖަކީ ގާތްގަނޑަކަށް 20 އިން ސައްތަ ކަމަށާއި ޖަލުގެ އިންފްރާސްޓްރަކްޗާ ހުންނަ ގޮތުން މި މީހުން ސީރިއަސް ކުށް ކޮށްފައިވާ މީހުންނާ ވަކިން ގެންގުޅެވެން ނެތުމުގެ ސަބަބުން، އެމީހުންނަށް ސީރިއަސް ކުށްކުރާ މީހުންގެ ފިލޯސަޕީ ފެތުރުމުން އޭގެ ނަތީޖާއެއްގެ ގޮތުން ޖަލުން ނިކުތުމަށްފަހު އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އަނބުރާ ކުށުގެ ވެއްޓަށް ދާކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަން މަދުކުރެވޭނީ ޖަލު ނޫން އަދަބެއް ތަޢާރަފްކުރެވިގެންކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓްގައި އިލެކްޓްރޯނިކް ޓެގް ހިމަނާފައިވާ ކަމަށާއި އެ ބޭނުންކޮށްގެން ގޭގައި ނުވަތަ ވަކި ތަނެއްގައި ބަހައްޓައިގެން މީހުން މޮނިޓަރ ކުރެވޭނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މިހާރު މަސައްކަތްތައް ހުންނަ ގޮތުން އިންސާނީ ވަޞީލަތްތައް އެންމެ ބޮޑަށް ބޭނުންކުރަންޖެހެނީ ޤައިދީން އެއްތަނުން އަނެއްތަނަށް އުފުލުމަށް ކަމަށާއި އެމީހުން ބެލެހެއްޓުމަށް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ނަމަވެސް ކުރިން ފާހަގަކުރެވުނު ކޮމިއުނިޓީ ކަރެކްޝަންސް ނުވަތަ ޖަލު ނޫން ޙުކުމެއް ތަންފީޛުކުރަން ފެށުމުން، ޖަލަށް ގެނެވޭ އާބާދީ މަދުކުރެވޭނެ ކަމަށާއި އޭރުން ޖަލުގައި ތިބޭނީ ސީރިއަސް ކުށްކުރާ މީހުން އެކަނި ކަމަށާއި ޖަލުގެ އާބާދީ މަދުކުރެވުމުން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރަށް ހިއުމަން ރިސޯސްގެ ބޭނުން ހިފިގެންދާނެކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު ޖަލު ނޫން އަދަބު ތަންފީޛުކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
އެމްސީއެސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މުޙިއްމުކަމަށް އަލިއަޅުއްވާލައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޔޫއެންއޯޑީސީގެ އެހީގައި ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާ ލަމުންދާ ކަމަށާއި އަންނަ ފެބްރުވަރީ ނޫނީ މާޗް ހިސާބުގައި ޑިވެލޮޕްކުރެވޭނެކަމަށެވެ. އަދި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ޢަލީގައި އެމްސީއެސްގެ ލަނޑުދަނޑުތައް ހާޞިލް ކުރާނެ ގޮތްތައް ސްޓްރެޓަޖައިޒްކުރެވޭނެ ކަމަށާއި ކަނޑައެޅޭ އަމާޒްތަކަށް ވާސިލްވުމަށް އިތުރަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިގެން ދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އެމްސީއެސްގައި ކޮމިޝަނަރ ހޭދަކުރެއްވި އަހަރުތަކަށާއި ކުރެއްވި މަސައްކަތްތަކާއި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އިޙްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އޭގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ޑެޕިއުޓީ ޑައިރެކްޓަރ ޑެޕއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން އާއި ސީނިއަރ މެނޭޖްމަންޓް ދެއްވި އެއްބާރުލުމަށް ޝުކުރުދެންނެވިއެވެ. ޖަލަށް މަނާތަކެތި ވަންނަ މައްސަލައަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިފަދަ މައްސަލަތަކުގައި އިދާރީ އަދި ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެ، މިފަދަ ޢަމަލުތައް ނުކުރުމަށް ކޮމިޝަނަރ ހުރިހާ އޮފިސަރުންގެ ކިބައިން އިލްތިމާސްކުރެއްވިއެވެ.