މާފުށީ ޖަލުގެ ރިހި ޔޫބީލް!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އެ ޖަލުގައި ދިދަ ނެގުމުގެ ރަސްމީއްޔާތު ބާއްވައިފިއެވެ.

މި ރަސްމީއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓާ ޑީއެސްޕީ އަޙްމަދު ޖާދުﷲ އާއި އެމްސީއެސްގެ ކޮމިޝަންޑް ރޭންކްތަކުގެ އޮފިސަރުންނާއި މާފުށީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުން މި ރަސްމީއްޔާތުގައި ވަނީ ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ މާފުށީ ޖަލުގެ ހުރިހާ އޮފިސަރުންނަށް މަރުހަބާ ދެންނެވިއެވެ. އަދި 25 އަހަރު ކުރިން ޖަލުގެ ޙާލަތު އޮތްގޮތް މިހާރު ތިބި ގިނަ އޮފިސަރުންނަށް އަންދާޒާ ނުކުރެވޭނެ ކަމަށާއި، މާފުށީ ޖަލަށް ބޮޑެތި ހެޔޮ ބަދަލު ތައް އައިސްފާވާކަން ފާހަގަ ކުރެއްވިއެވެ.

އަދި ޖަލަށް މަނާތަކެތި ވެއްދުމުގައި ފަހަކަށް އައިސް ފަހުގެ ބެޗްތަކުން އެމްސީއެސްގެ ވަޒީފާއާ ގުޅުނު ބައެއް އޮފިސަރުން ޝާމިލްވެފައިވާ ފާހަގަކުރައްވަމުން ޑީސީޕީ ނަސޭޙަތްތެރިވެލެއްވީ ހުރިހާ އޮފިސަރުންވެސް ތެދުވެރިކަމާއި އިޙްލާސްތެރިކަމާއި ނަޒާހަތްތެރިކަމާއެކު ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރުމަށެވެ.

މާފުށީ ޖަލު ހުޅުވާފައިވަނީ 1 ނޮވެމްބަރު 1998 ގައި، ގާމާދޫ ޖަލުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން އެ ޖަލު ރޯކޮށްލުމާ ގުޅިގެންނެވެ.