މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ހަތް އޮފިސަރުންގެ ޓީމެއް، ބެލްޖިއަމްގެ އެންޓްވަރޕްގައި ބޭއްވި އިންޓަރނޭޝަނަލް ކަރެކްޝަންސް އެންޑް ޕްރިޒަންސް އެސޯސިއޭޝަން (އައިސީޕީއޭ)ގެ އެނުއަލް ކޮންފަރަންސް ގައި ބައިވެރިވެއްޖެއެވެ.
21 އޮކްޓޯބަރު 2023 ން ފެށިގެން 29 އޮކްޓޯބަރު 2023 އާ ހަމައަށް ކުރިއަށްދިޔަ މި ކޮންފަރަންސްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓްގެ ހަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
ބެލްޖިއަން ޕްރިޒަން ސަރވިސްއިން ހޯސްޓްކުރާ މި ކޮންފަރަންސްގައި ބައިވެރިވި އެމްސީއެސްގެ ޓީމް ސްޕޮންސަރކޮށްފައިވަނީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓެޕް) އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ބްރިޓިޝް ހައި ކަމިޝަން އިންނެވެ.
ގެ “ހިއުމޭން ކަރެކްޝަންސް: ވަޓް މޯ ކެން ވީ ޑޫ؟” ތީމްގެ ދަށުން ކުރިއަށްދިޔަ މި ކޮންފަރަންސްގައި، ޖަލުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ދުނިޔޭގެ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުން ހޯދާފައިވާ ކާމިޔާބީތަކާ އަދި ފަހުގެ ދިރާސާތަކުގެ އަލީގައި ހޯދާފައިވާ ހޯދުންތައް ކޮންފަރަންސްގެ ބައިވެރިންނާ ޙިއްސާކޮށްފައިވެއެވެ.
މި ދަތުރުގައި އެމްސީއެސްގެ ޓީމުން ވަނީ ބެލްޖިއަމް ޕްރިޒަން ސަރވިސް ބަލަހައްޓާ ދެ ޖަލަކަށް ޒިޔާރަތްކޮށްފައެވެ. ޖަލުތަކަށް ޒިޔާރަތްކުރުމުގައި ޔޫއެންއޯޑީސީގެ އެހީތެރިކަން އެމްސީއެސްގެ ޓީމަށް ލިބިފައިވެއެވެ.