އެމްސީއެސްގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ ކ. މާފުށީ ސްކޫލްގެ ހޯލްގައި ރޭ ބާއްވައިފިއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ކޮމިޝަންޑް އޮފިސަރުންނާއި މުވައްޒަފުން އަދި ދަޢުވަތު އެރުވުނު މެހެމާނުން މި ޖަލްސާގައި ބައިވެރިވެލެއްވިއެވެ.

މި ޖަލްސާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފެށުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި މޯލްޑިވްސް ކަރެންޝަނަލް ސަރވިސްއަށް މެދުނުކެނޑި 25 އަހަރަށްވުރެއް ގިނައިން ޚިދުމަތްކުރެއްވި ހަތަރު އޮފިސަރަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމުގެ އިތުރުން، އެމްސީއެސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައިވެއެވެ. މި ޖަލްސާގައި 211 ޕްރިޒަން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ އިތުރުން، ޝަރަފުގެ ކުލަ އާއި މެޑަލްވެސް ޙަވާލުކޮށްފައިވެއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، އޮފިސަރުންނަށާއި މުވައްޒުފުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ފާހަގަކުރެއްވީ ވޭތުވެ ދިޔަ 52 ވަނަ އަހަރުގައި ޖަލު ބެލެހެއްޓުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާއި މި ޚިދްމަތް ފޯރުކޮށްދިނުމުގައި އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމެވެ. މަޤާމުގެ ކުރިއެރުން ލިބުނު އޮފިސަރުންނަށް މަރުހަބާ ދަންނަވައި، އެ މަސައްކަތުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ. އަދި މަޤާމުގެ ކުރިއެރުން ލިބުނު އޮފިސަރުންނަށް މުޙާތަބް ކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، އެ ހޯދި ކާމިޔާބީއާއެކު އިތުރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަޤާމުގެ ކުރިއެރުން ދިނުމުގައި ސުޕަވައިޒަރގެ ހުށަހެޅުމުގެ އިތުރުން، އޮފިސަރުންގެ މަސައްކަތުގެ މާޙައުގައި ދައްކާ ހުނަރާއި ކޮލިޓީ އާއި ތަޢުލީމީ ޤާބިލްކަމަށް ބަލާފައިވާނެކަމަށެވެ.

ވޭތުވެ ދިޔަ އަހަރުގައި ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ އޮފިސަރުން ރެކްރޫޓްކުރުމަށް އިސްކަންދެވިގެން ކުރެވުނު މަސައްކަތަކާ ގުޅިގެން ގާތްގަނޑަކަށް 300 އެއްހާ އޮފިސަރުން ވޭތުވެ ދިޔަ ހަތަރު އަހަރުތެރޭގައި ރެކްރޫޓްކުރެވި، މަސައްކަތަށް ބޭނުންވާ ޤާބިލް އޮފިސަރުން ބިނާކުރުމަށްޓަކައި އެކި އެކި އެކުވެރި ޖަމާއަތްތަކާ ގުޅިގެން އެކި އެކި ތަމްރީން ޕްރޮގްރާމްތަކާއި ބެސްޓް ޕްރެކްޓިސްތައް އަހުލުވެރިކަމުގެ ޕްރޮގްރާމްތައް ހިންގުނުކަމެވެ. އެގޮތުން ޔޫއެސް ސްޓޭޓް ޑިޕަރޓްމަންޓްގެ އެހީގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ ތަމްޞީލްވާގޮތަށް، ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާބެހޭގޮތުން ރީޖަނަލް ވޯކްޝޮޕް އެއް ރާއްޖޭގައި ބޭއްވުނު ކަމަށާއި އޮފިސަރުންގެ ޤާބިލްކަން އިތުރުކުރުކޮށް އެކްސްޕޯޝަރގެ ގޮތުން އިންޑިއާ، ކެންޔާ، ތުރުކީ އަދި ސްރީލަންކާގެ ޖަލުތަކާބެހޭ ވަފްދުން ރާއްޖެއައިސް ތަމްރީންތައް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތް އަހަރުގައި ސްރީލަންކާ އާއި ސިންގަޕޫރު ފަދަ ޤައުމުތަކުގައި މިފަދަ ތަމްރީންތައް ކުރިއަށްގެންދަން ރޭވިގެންދާނެކަމަށް ވިދާޅުވިއެވެ.

އޮފިސަރުންނާއި މުވައްޒަފުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ދަތިތަކާއެކުގައިވެސް ހެލްތް އިންޝުއަރަންސް ސްކީމް ފަށާފައިވާކަމަށާއި ކުރިއަށްއޮތްތާނގައި އެ ޚިދްމަތް މެދުނުކެނޑި ކުރިއަށްދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި 51 އެއްވަނަ އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ، އެމްސީއެސްގައި ދިގު މުއްދަތަށް މަސައްކަތްކޮށްފައި ތިބި އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ދެއްވާ ބޯހިޔާވެހިކަމުގެ ފުރުޞަތުގެ ދަށުން، ޝަކުވާތައް ބެލުމަށްފަހު، ވަރަށް އަވަހަށް ދާއިމީ ލިސްޓެއް ނެރޭނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މިރޭ އިފްތިތާޙްކުރެވުނު ބޮޑީ ވޯރން ކެމެރާއަށް އަލިއަޅުވާލައްވަމުން، ކޮމިޝަނަރ ވިދާޅުވީ އެފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމުން މަސައްކަތްތަކަށް އިންގިލާބީ ބަދަލެއް ގެނެވިދާނެކަމަށާއި އޭގެ ސަބަބުން ޖަލުގައި ހިނގާ ޙާލަތްތައް ވަގުތުން ފެނިގެންދާނެކަމަށާއި އެ ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުންކުރެވިއްޖެނަމަ، މިހާރު ކުރަމުންދާ ކަންތައްތައް ބަލައި، ޖަލު ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އޭގެ ތެރެއިން ހޯދަމުންދާނެކަމަށެވެ.

އަދި ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުވާހަދާތަކާ އެއްގޮތަށް، އިންސާނުން ބަންދުކޮށްގެން ގެންގުޅޭ ވުޒާރާއެއްގެ ހައިޞިއްޔަތުން ރިޕޯޓްކުރަންޖެހޭ ސިސްޓަމް ހަރުދަނާކުރާނެކަމަށާއި އެގޮތުން ދިވެހިރާއްޖެއިން އދ އަށާއި އޯގަނައިޒޭޝަންތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކަށް ކޮންޓްރިބިއުޓްކުރުމާއި ކރިޕޯޓްކުރުމުގެ ކަންތައްތައް ހަރުދަނާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނެވިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރގެ ވާހަކަ ނިންމާލައްވަމުން އަލިއަޅުއްވާލެއްވީ އޮފިސަރުން ކުރިއެރުވުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ ތަމްރީންތަކާއި އެހެނިހެން ކަންކަން ހޯދައި، މަގުފަހި ކޮށްދެއްވާނެކަމަށާއި އެމްސީއެސްގެ މަސައްކަތްތަކާއި ޖަލު ހިންގުމުގެ ނިޒާމް ވަރުގަދަކުރުމުގެ ގޮތުން ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ތައްޔާރުކުރެވިގެންދާ ކަމެވެ. އަދި 21 ވަނަ ގަރުނުގެ މުވައްސަސާއަކަށް އެމްސީއެސް ބަދަލުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ކަންތައްތައް ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި ކުރެވިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.