ހުޅުމާލޭ ހޮސްޕިޓަލްގައި އެމަޖެންސީ ޙާލަތުގައި ފަރުވާދެމުންދިޔަ ޤައިދީއެއް ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ބ. ތުޅާދޫ ބޯދި އިސްމާޢީލް އަބޫބަކުރު (55 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

އިސްމާޢީލް އަބޫބަކުރުގެ މެޔަށް ތަދެއްއަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައިވެއެވެ. އިސްމާޢީލް އަބޫބަކުރުގެ ޙާލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދިޔައެވެ. އަދި ޑޮކްޓަރ ވަނީ ގާތްގަނޑަކަށް 3:25 ގައި އޭނާގެ ހިތްހުއްޓިގެން ނިޔާވިކަމަށް މަޢުލޫމާތު ދީފައެވެ.

އިސްމާޢީލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. އަދި މީނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫނެވެ.

އިސްމާޢީލް އަބޫބަކުރު ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.