މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢުއަށް ނެރެން ކުރާ މަސައްކަތްތަކުގެ ތެރެއިން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާ ގުޅިގެން “ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް” ހިންގުމަށް ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި ފަހުމްނާމާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ސޮއިކުރެއްވި އިރު، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަލްފާޟިލާ އާމިނަތު ޝިރާނީ ނައީމްއެވެ.
މި ފަހުމްނާމާގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
މި ފަހުމްނާމާގެ ދަށުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ކޮންސަލްޓަންޓުން އެމްސީއެސްގެ ޖަލުތަކުގައި ގެވެށި އަނިޔާއާ ގުޅޭ ޙުކުމްތައް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ “ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް”، އެ ޤައިދީންނަށް ހިންގާނެއެވެ. “ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް” ހިންގުމުގެ މަޤްޞަދަކީ ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިސްލާޙްކުރުމަށް މަސައްކަތްކުރުމެވެ. މިގޮތުން “ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް” ހިންގާނީ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ ދަށުންނެވެ.
މި ފޭސްގައި މިހާރުވެސް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ޖިންސީ ކުއްތަކުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް ޚާއްސަ “ސެކްސް އޮފެންޑަރ ޕްރޮގްރާމް” ހިމެނެއެވެ.