އެމްސީއެސްގެ ސީނިއަރ އޮފިސަރުން ތުރުކީގައި ހިންގި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ 10 އޮފިސަރުންގެ ޓީމެއް، ތުރުކީގައި ހިންގި “ޕްރިޒަން ޑިސްޕެޗް / ގާޑް އޮފިސަރ ޓްރޭނިންގ އޮފް ޓްރޭނާސް” ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ.

17-28 ޖުލައި 2023 އާ ހަމައަށް ކުރިއަށްދިޔަ މި ޓްރޭނިންގގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު އަޙްމަދު މުޙައްމަދު ފުޅު އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް އާއި ސީނިއަރ ރޭންކްގެ އަށް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ އެމްސީއެސްގެ ސީނިއަރ ލެވެލްގެ އޮފިސަރުންނަށް މި ތަމްރީން ޕްރޮގްރާމް މެދުވެރިކޮށް ލިބޭ ޢިލްމްގެ ޢަލީގައި އެމްސީއެސްގެ މިޑްލް އަދި ޖޫނިއަރ ލެވެލްގެ އޮފިސަރުން ތަމްރީންކޮށް، ދިވެހިރާއްޖޭގެ ޖަލު ހިންގުމުގެ ނިޒާމް މިހާރަށްވުރެ ތަރައްޤީކުރުމެވެ.

މި ތަމްރީން ޕްރޮގްރާމްގައި ތުރުކީގެ ޕްރިޒަން ސިސްޓަމް ކިޔައިދިނުމުގެ އިތުރުން ކިޔަވާދިން މޮޑިއުލްތަކުގެ ތެރޭގައި “ސައިކޮލޮޖީ އޮފް ދި އޮފެންޑާ އެންޑް ދަ ޕްރިޒަނަރ”، “ކޮންސެޕްޓްސް: ކްރައިމް، ކްރިމިނަލް، ކޮންސެޕްޓް އިފް ގިލްޓް އޮފެންޑަރ ސައިކޮލޮޖީ”، “އޮފެންޑަރ އެންޑް އިންމޭޓް ސައިކޮލޮޖީ”، “އެޖަސްޓްމަންޓް ޕްރޮބްލަމްސް އެންޑް އެޖަސްޓްމަންޓް ޑިސްއޯޑަރސް”، “ބިހޭވިއަރަލް ޑިސްއޯޑަރސް އެންޑް ޑިފެންސް މެކޭނިޒަމްސް”، “ލެޖިސްލޭޝަން، ޖެނެރަލް ސިޗުއޭޝަން އޮފް ޕްރިޒަންސް” ފަދަ މޮޑިއުލްތައް ހިމެނެއެވެ.

އަދި މީގެ އިތުރުން ބައިވެރިން ވަނީ ތުރުކީގެ ޖަލަކަށް ޒިޔާރަތްކޮށް، އެ ޖަލު ހިންގާ ގޮތްތައް ބަލާލާފައެވެ.