ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދިޔަ ޤައިދީއެއް ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ ޙަސަން މޫސާ ދީދީ (85 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

ޙަސަން މޫސާ ދީދީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިއުމުން،  ޑޮކްޓަރ ބެލުމަށްފަހު 9:55 ހާއިރު އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވެއެވެ. އަދި އޭނާ ނިޔާވީ ހިތްހުއްޓިގެންކަމަށް ބުނެފައިވެއެވެ.  

ޙަސަން މޫސާ ދީދީ އަކީ ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. އަދި އޭނާއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.

ޙަސަން މޫސާ ދީދީ ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.