ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން ރާއްޖޭގައި ސަރަޚައްދީ ވޯކްޝޮޕެއް ބާއްވައިފި

ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓެޕް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން “ރީޖަނަލް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒްމް އިން ޕްރިޒަންސް (ސީވީއީ-ޕީ) ވޯކްޝޮޕް” ރާއްޖޭގައި ބާއްވައިފިއެވެ.

ޖޫން 19 ން 22، 2023 އަށް ކްރޮސްރޯޑްސް ރިސޯޓްގައި ކުރިއަށް ދިޔަ މި ވޯކްޝޮޕްގައި 70 އަށް ވުރެއް ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

އެގޮތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑްގެ މުވައްޒަފުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާއިރު، ފިލިޕީންސް، ސިންގަޕޯރ، އިންޑޮނޭޝިއާ، ބަންގްލަދޭޝް އަދި ކޮސޯވޯގެ ވަފްދުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕްގެ މަޤްޞަދަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ކޮށްފައިވާ ތަޖުރިބާތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި އެހެން ޤައުމުތަކުގައި އެކަމާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، މާހިރުންގެ އިރުޝާދު ހިއްސާކުރުމެވެ. މި ވޯކްޝޮޕްގައި އައިސިޓެޕްގެ މާހިރުން ސެޝަންތައް ނަންގަވައިދެއްވިއިރު، ބައިވެރިވި ގައުމުތަކުގެ ވަފްދުން ކަންޓްރީ ރިޕޯޓާއި އެކި މޮޑިއުލްތަކަށް ޕްރެޒެންޓޭޝަން ހުށަހަޅާފައިވެއެވެ. އެގޮތުން ގްލޯބަލް ޕަރސްޕެކްޓިވްސް އޮން ސީވީއީ-ޕީ ޕްރޮގްރާމްސް، ޕްރިޒަން އިންޓެލިޖަންސް، ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް، ފެއިތް-ބޭސްޑް ކައުންސެލިންގ، ސައިކޯ-ސޯޝަލް އެސްޕެކްޓް އޮފް ކައުންޓަރިން ވަޔޮލަންޓް އެކްސްޓްރީމިޒްމް ހިމެނެއެވެ.