އެމްސީއެސްއިން ޤައިދީންނަށް “ޕޯރިންގ އާޓް ވޯކްޝޮޕް” ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް ޚާއްސަކޮށް “ފޯރިންގ އާޓް ވޯކްޝޮޕް” އިއްޔެ މާފުށީ ޖަލުގައި ފަށައިފިއެވެ.

މި މި ވޯކްޝޮޕްގައި 10 ޤައިދީންނާއި 02 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ.  

ދިވެހި އާޓިސްޓުން ތަރައްޤީކުރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވާ މިއުސް އާ ގުޅިގެން ފެށި މި ވޯކްޝޮޕަކީ ހަ ދުވަހަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިއުސް އިން ޤައިދީންނަށް މި ވޯކްޝޮޕް ހިންގައިދެނީ ހިލޭ ސާބަހަށެވެ.

ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގެ މަޤްޞަދަކީ ޤައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ އެހީގައި، ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމެވެ.   

މިގޮތުން ޤައިދީންގެ ތެރޭގައި ކުރެހުމަށް ޝައުޤުވެރިވާ ގިނަ ފަރާތްތައް ތިބިއިރު، މި މަހުގެ 1 ގައި ބޭއްވި “އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ” ގައި ޤައިދީންގެ ގިނަ ކުރަހުންތައް އާންމުންނަށް ދައްކާލައި، އަދި ވިކި ފައިވެއެވެ.

އެމްސީއެސް އިން ޤައިދީންގެ ރިހެބިލިޓޭޝަނަށް ގިނަ މަސައްކަތްތައް ކުރަމުންދިޔަނަމަވެސް، މުޖްތަމަޢު ތެރެއިން މިއުސް ފަދަ ފަރާތްތަކުގެ އެހީތެރިކަން މިކަމުގައި ބޭނުންވެއެވެ.