އެމްސީއެސްއިން އައިސީއާރްސީ އާ ގުޅިގެން “ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް” ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން  އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް” މާފުށީ ޖަލުގައި ހިންގަފިއެވެ.

06 ން 07 ޖޫން 2023 ށް ހިންގި މި ވޯކްޝޮޕްގައި އެކި ޖަލުތަކުން ޖުމްލަކޮށް މިޑްލް-މެނޭޖްމަންޓް ލެވެލްގެ 20 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕްގެ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފްއެވެ.  

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީޕީ އާޞިފް ބައިވެރިންނާ މުޙާތަބްކުރައްވަމުން ފާހަގަކުރެއްވީ މިޑްލް މެނޭޖަރސްގެ މުޙިއްމުކަމާއި އެފަދަ މިޑްލް މެނޭޖަރުން އުފައްދަން ޖެހިފައިވާކަމެވެ. މަންޑޭލާ ރޫލްސް، ބެންގްކޮކް އަދި ހަވާނާ ކޮންވެންޝަންގެ މުހިއްމު ކަންކަމާއި ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕްއިން ކިޔައިދިން ކަންތައްތައް ހަނދާނުގައި ބެހެއްޓުމަށް އޭސީޕީ ނަސޭހަތްތެރިވެލެއްވިއެވެ. އަދި އައިސީއާރްސީ ފަދަ އޯގަނައިޒޭޝަންތަކުން އެމްސީއެސްއާ މެދު ބަހައްޓާ ގާތްކަން ފާހަގަކުރައްވަމުން، އައިސީއާރްސީއަށް އިޙްލާސްތެރިކަމާއެކު ޝުކުރުދެންނެވިއެވެ.

ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕްގެ މައިގަނޑު އަމާޒަކީ ބައިވެރިންނަށް ޖަލު ހިންގުމުގެ ޕްރެކްޓިސްތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކު ޢިލްމް އުގަންނާދިނުމެވެ. މީގެ ތެރޭގައި މަންޑޭލާ ރޫލްސް، ބެންގްކޮކް އަދި ހަވާނާ ކޮންވެންޝަން ކިޔައިދިނުން ހިމެނެއެވެ.

މި ވޯކްޝޮޕްގެ ތެރޭގައި ބައިވެރިންނަށް ހާލަތްތަކުގައި ނިންމުންތައް ނިންމުމަށް ބޭނުންވާފަދަ މެނޭޖްމަންޓް އޮޕްޝަންތައް ކިޔައިދީ، ޤައިދީންގެ އުޅުން ދޭހަވާނެ ގޮތްގޮތަށް ވިސްނުންތައް ބެހެއްޓުމާއި އެ ފަރާތްތަކުގެ އުޅުމާމެދު ފިޔަވަޅު އަޅާނެގޮތްތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މި ވޯކްޝޮޕްގެ މޮޑިއުލްތަކުގެ ތެރޭގައި ދި އައިސީއާރްސީ އެޕްރޯޗް ޓު ޑިޓެންޝަން، އިންޓަރނޭޝަނަލް ސްޓޭންޑަޑްސް އެންޑް ނޯމްސް، އޯވަރކްރައުޑިންގ، އޮރިއެންޓޭޝަން (ރޫލްސް އެންޑް ރެގިއުލޭޝަންސް) ފަދަ މޮޑިއުލްތައް ހިމެނެއެވެ.

އައިސީއާރްސީގެ ފަރާތުން މި ވޯކްޝޮޕް ކުރިއަށްގެންދެވީ މީޒް. ލިންޑާ ގާވުޑް-ފިލްބާޓް، ޕްރިޒަން ސިސްޓަމް އެޑްވައިޒަރއެވެ.