މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްސަކޮށް ފެށި ޤުރުއާން މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.
މި މުބާރާތްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑް ހެޑް އެސްޕީ އިބްރާހިމް ނާޝިދު، މާފުށީ ޖަލުގެ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲ އާއި މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް އަދި މުބާރާތުގެ ބައިވެރިންގެ އާއިލާތައް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
30 މާރޗް 2023 ން 3 އޭޕްރިލް 2023 ށް ކުރިއަށްދިޔަ މި މުބާރާތުގައި 14 ފިރިހެން ޤައިދީންނާއި 13 އަންހެން ޤައިދީން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގައި ބަލައިގެން ކިޔުމުން އަންހެން ގޮފިންނާއި އަދި ފިރިހެންނުން ގޮފިން އެންމެ މޮޅު ތިން ވަނަތައް ހޮވުމުގެ އިތުރުން އެންމެ މޮޅު ދިހަ ކިޔުންތެރިން ހޮވާފައިވެއެވެ. ވަނަތައް ހާޞިލްކުރި ބައިވެރިންނަށް މެޑަލް އާއި ސެޓްފިކެޓް އަދި ގިފްޓް ޕެކް ޙަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސްޕީ އިބްރާހިމް ނާޝިދު، އޭއެސްޕީ އަޙްމަދު ޖާދުﷲ އަދ އޭއެސްޕީ އަބްދުﷲ އަމީންއެވެ. މުޅި މުބާރާތުން އެންމެ މޮޅު ކިއުންތެރިޔާ އަށް މެޑަލް އާއި ސެޓްފިކެޓްގެ އިތުރުން ޕްލާކް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސްއެވެ.
ޤައިދީންނަށް އަމާޒުކޮށްގެން މިފަދަ ހަރަކާތްތައް ހިންގުމަކީ އެ ފަރާތްތަކުގެ ހިތުގައި ކީރީތި ޤުރްއާނަށް ލޯބި އިތުރުވެ، އިސްލާމީ އަގީދާ ހަރުދަނާވުމުގެ އިތުރުން ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެކެވެ.
މި މުބާރާތުން އެކި ވަނަތައް ހާޟިލްކުރި ބައިވެރިންނަށް ކޮމިޝަނަރ ވަނީ މަރުހަބާއި ތަހުނިޔާ ދަންނަވާފައެވެ. އަދި މުބާރާތުގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކީރިތި ޤުރުޢާން ކިއެވުމުގެ މުބާރާތެއް ރަމަޟާން މަހާއި ދިމާކޮށް ބޭއްވޭކަމަކީ ވަރަށް ހިތްހަމަޖެހުން ލިބިގެންދާކަމެއްކަމަށާއި އަދި މިސަރވިސްއިން ޤާއިދީން ރިހެބިލިޓޭޝަން އަށް ކުރާ މަސައްކަތުގެ އަސާސްތައް ބިނާވާންވާނީ އިސްލާމްދީނުގެ ސައްޙަ އަޤީދާ އާއި ދިވެހިންގެ އާދަކާދައާއި ސަޤާފަތުގެ މައްޗަށް ކަމުގައެވެ. މިފަދަ މުބާރާތްތަކާއި އަދިވެސް ދީނީ ހޭލުންތެރިކަން އިތުރުކުވުމުގެ ހަރަކާތްތަކުގެ ތެރެއިން މިދެންނެވުނު މަޤްސަދުތައް ހާސިލުކުރެއްވިދާނެކަމަށް ވިދާޅުވިއެވެ. މިއަދު ބޭއްވިގެން މިދާ ހަފްލާ އަކީ ކިތަންމެ ކުޑަކޮށް ބޭއްވޭ ހަފްލާއެއް ކަމުގައިވީނަމަވެސް މި ނިމިގެން ދަނީ ވަރަށް މުޙިއްމު މަސައްކަތެއްގެ ނިމުންކަމަށާއި އަދި މިމުބާރާތުގައި ރާއްޖޭގެ އެކި ރައްތަކަށް ނިސްބަތްވާ ބައިވެރިން ބައިވެރި ވެފައިވާކަމަށާއި، މިއީ ޤައުމީ ފެންވަރުގައި ހިނގާ މުބާރާތްތަކާއި ދާދި އެއްގޮތަކަށް ހިނގިދާނެ މުބާރާތެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު ދިމާވެފައިވާ ހާލަތެއްގެ ސަބަބުން ޖަލުގައި ތިބެންޖެހުނު ނަމަވެސް، ވަރަށް ފަންނުވެރި، ހުނަރުވެރި މީހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި އެބަތިބިކަމަށާއި، އެކަން މިރޭވެސް މިބޭވިގެންދާ ހަފްލާއިންހާމަވެގެން ހިނގަޖެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން މިޙަފްލާ ހުޅުވުމުގެ ގޮތުން ޤުރުއާން ކިޔެވި ބައިވެރިއާއި މުޅިމުބާރާތުން އެއްވަނަ އަށް ދިޔަ ބައިވެރިޔާގެ ޤުރުވާން ކިޔެވުމުގެ އަނޑުއިވިގެން ދިއުމުން އެކަން ކަށަވަރުވާކަމުގައި ކޮމިޝަނާ ފާހަގަ ކުރެއްވިއެވެ. އަދި ޖަލުގައި ތިބި މިފަދަ ހުނަރުވެރިންގެ ތަފާތު އެކި ފަންނުގެ ހުނަރުތައް އާންމުންނަށް ފެންނާނެ ގޮތްތަކެއް އިތުރަށް ހޯދަންޖެހޭ ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އަންނަ އަހަރު މިއަށް ވުރެން ފުޅާކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ޖަލަކަށް ހުޅުވާލައިގެން ގިނަ އަދަދެއްގެ ޤާއިދީންނާއެކު މިއަށްވުރެއް ފުޅާ ޤުރުއާން ކިއެވުމުގެ މުބާރާތެއް ބޭއްވުމަށް ގަސްތުކުރައްވާކަމަށް ކޮމިޝަނަރ ވަނީ އިޢުލާންކުރައްވާފައެވެ.
ކީރިތި ޤުރުއާންނާއި މެދު ޤާއިދީންގެ ހިތްކުގައި ލޯބިޖެއްސުމަކީ އިތުރަށް ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވައި، ކޮމިޝަނަރ ވިދާޅުވީ މިހާރުވެސް ބައެއް ޤައިދީން ގުރުވާން ހިތުދަސްކުރުމުގެ މަސައްކަތްވެސް ޖަލުގައި ތިބެގެން ކުރާކަމަށާއި، އަދި އެކަން ރަސްމީ ސިފައެއްގައި ވަޒަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޤާއިދިންގެ ތެރެއިން ހާފިޒުންނަށް ވެވޭނެ ފުރުޞަތު ފަހިކުރުމާއިއެކު ހާފިޒަކަށްވާ ޤައިދީންނަށް އެމީހުންގެ ހުކުމަށް ލުއިތަކެއް ލިބޭނެ އިންތިޒާމެއް ޤާނޫނުގެ ތެރެއިން ހޯއްދަވަން މަސައްކަތް ކުރައްވާނެކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ. ކޮމިޝަނަރގެ ވާހަކަފުޅު ނިންމާލައްވަމުން ވަނީ މުބާރާތުގައި ބައިވެރި ޤާއިދީން އެހެން ޤާއިދީނަށް އިތުރަށް ހިތްވަރު ދިނުމަށާއި މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް އެހެން ޤާއިދީންނަށް ބާރު އަޅާދިނުމަށް އެދިވަޑައިގަންފައެވެ. އަދި މިފަދަ ފުރިހަމަ މުބާރާތެއް ބޭއްވުމުގައި ބައިވެރިވެ އެހީތެރިންކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.