މާފުށީ ޖަލުގެ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް ޤުރުއާން މުބާރާތެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްސަކޮށް ޤުރުއާން މުބާރާތެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

މި މުބާރާތް އިފްތިތާހްކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲއެވެ. މީގެ އިތުރުން މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.  

30 މާރޗް 2023 ން 3 އޭޕްރިލް 2023 ށް ކުރިއަށްދާ މި މުބާރާތުގައި 14 ފިރިހެން ޤައިދީންނާއި 13 އަންހެން ޤައިދީން ބައިވެރިވެފައިވެއެވެ. މިއީ މިފަދަ ފުރަތަމަ މުބާރާތެވެ.

މި މުބާރާތުގައި ބަލައިގެން ކިޔުމުން އަންހެން އަދި ފިރިހެންނުންގެ ތެރެއިން ވަކިން އެންމެ މޮޅު ތިން ވަނަ ހޮވައި، ދެ ބައި އެއްކޮށްލާ އެންމެ މޮޅު ދިހަ ބައިވެރިން ހޮވާނެއެވެ. އަދި އޭގެ ތެރެއިން މުޅި މުބާރާތުގެ އެންމެ މޮޅު ކިއުންތެރިޔާ ހޮވާނެއެވެ.

ވަނަ ތައް ހާޞިލުކުރާ ބައިވެރިންނަށް ރަން، ރިހި އަދި ލޯ މެޑަލް އާއި ސެޓްފިކެޓް ހަވާލުކުރާނެއެވެ. މުޅި މުބާރާތުން އެންމެ މޮޅު ތިން ވަނަ ލިބޭ ބައިވެރިންނަށް މެޑަލް އާއި ސެޓްފިކެޓްގެ އިތުރުން ޕްލާކްއެއް ލިބޭނެއެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ ބައިވެރިންނަށް ގިފްޓް ޕެކެއް ދެވޭނެއެވެ.

ޤައިދީންނަށް އަމާޒުކޮށްގެން މިފަދަ ހަރަކާތްތައް ހިންގުމަކީ އެ ފަރާތްތަކުގެ ހިތުގައި ކީރީތި ޤުރްއާނަށް ލޯބި އިތުރުވެ، އިސްލާމީ އަގީދާ ހަރުދަނާވުމުގެ އިތުރުން ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެކެވެ.