ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުށީ ސްކޫލްގެ ޕްރައިޒް ގިވިންގ ޑޭ ޝަރަފްވެރިކޮށްދެއްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، މާފުށީ ސްކޫލްއިން ރޭ އެ ރަށުގައި ބޭއްވި ޕްރައިޒް ގިވިންގ ޑޭ ޝަރަފްކޮށްދެއްވައިފިއެވެ.

ކޮމިޝަނަރ ގެ އިތުރުން މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި މާފުށީ ޖަލުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މި ހަފްލާގައި 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ވަނަ ހޯދި ދަރިވަރުންނަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު އެވޯޑް ޙަވާލުކޮށްދެއްވިއެވެ. މިގޮތުން ބެސްޓް އޯލް ރައުންޑް އަދި އޯ ލެވެލް އިން އެންމެ ރަގަޅު ނަތީޖާ ހޯދާފައިވަނީ މަރިޔަމް އަފާފް އަޙްމަދު ޝާހިދުއެވެ. އަދި އޯ ލެވެލްގެ ޓޮޕް ޓެންގައި މުޙައްމަދު ރާފިލް ރަމީޒް ހިމެނުނެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ތައުލީމަކީ ނިމުމެއް ނެތް މަސައްކަތެއްކަމަށާއި، ކޮންމެ ދުވަހަކީ އައު އިލްމެއް ނުވަތަ ހުނަރެއް ދަސްކުރަންޖެހޭ ދުވަހަކަށް ހަދަންޖެހޭކަމަށެވެ. އަދި ރިވެތި އަޙުލާގާ ސުލޫގެ ދެއްކުމަށާއި، ތައުލީމު އުގެނުމުގެ އިތުރުން ދިރިއުޅުމުގެ ހުނަރުތައް ދަސްކުރަން މަސައްކަތް ކުރެއްވުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ. މީގެ އިތުރުން ބެލެނިވެރިން ކުޑަދިން ބެލެހެއްޓުމުގައި އެކުދިންގެ ހައްޤުތަކަށް ރައްކާތެރިވުމަށާއި ކުދިން ކަންކަން ދަސްކުރަނީ އެކުދިންގެ ވަށައިގެންވާ މާހައުލުން ފެންނަ ކަންކަމުންކަމަށް އަލިއަޅުވާލާ ވިދާޅުވީ ބެލެނިވެރިންނަކީ ނަމޫނާ ދައްކަންޖެހޭނެ ބައެއްކަމަށާއި ކުދިންނަށް އިސްލާމީ ރިވެތި އުޞޫލުން ނަމޫނާ ދެއްކުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަ ކުރެއްވިއެވެ.

ބައެއް ފަހަރު ދަރިންނަށް ނަމާދުކުރުމަށާއި ޤުރުވާން ކިޔަވަން ބުނާއިރު އަޅުގަނޑުމެން އެކަންކަން ކުރާތަން ދަރިންނަށް ނުފެންނަމަ، އެކަމުގެ މުހިއްމުކަން ނަގައިގަތުމަށް އުނދަގޫވާނެކަމެވެ. އެހެންކަމުން ހެޔޮ ނަސޭހަތެއް ދިނުމަށް ނުވަތަ ނުރަގަނޅުކަމެއް ނުކުރުމަށް ކުދިންނަށް ނަސޭހަތްތެރިވާނަމަ، އެކަމަށް އެމީހެއްގެ ފުށުން އެގޮތަކަށް ޢަމަލުކުރާތަން ދަރިންނަށް ފެންނަން ޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ. ފުރަތަމަ މުވައްސަސާއަކީ އިންސާނާކަމަށާއި އަމިއްލަ މީހާގެ ސިފަތަށް އިސްލާޙުކުރުމަށް މަސައްކަތްކޮށް އަމިއްލަ ނަފްސަށް ތެދުވެރި ވަފާތެރި މީހަކަށް ވުމަށް އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. އެއަށް ފަހު އާއިލާގެ ތެރޭގައި އެކަކު އަނެއްކަށް އިހްތިރާމް ކޮށް އެހީތެރިވާންޖެހޭ ކަމަށާއި ރަސްމީ ތައުލީމު ފެށޭ ހިސާބުން ސުކޫލް މަދަރުސާއިން ރަސްމީތައުލީމު ދަރިވަރުންނަށް ފުރިހަމައަށް އުގަންނައި ދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މުދައްރިސުން ކުރާ ބުރަ މަސައްކަތުން ޤައުމުގައި ހަރުދަނާ މަސައްކަތްތެރިން އެފެދެމުންދާ ކަމަށާއި އަދުގެ ޖީލު ބިނާ ކުރުނުގައި މުދައްރިސުން ކުރާ މަސައްކަތަކީ ނުހަނު އަގުހުރި މަސައްކަތެއްކަމަށާއި އެއީ ނިމުމެއް ނެތް، ޝުކުރު ހައްޤު މަސައްކަތެއްކަމަށް ކޮމޮޝަނަރ ވިދާޅުވިއެވެ.

މީގެއިތުރުން ތަޢުލީމީ ޙަޔާތުގައި އޯލެވެލް އެގްޒާމަކީ އިމްތިހާނަކަށް އެންމެ ބުރަބޮޑު އެއް އިމްތިހާނުކަމަށާއި އެއިމްތިހާނު ޕޭޕަރުން ލިބޭ މާކްސްއަށް ނަތީޖާ ނެރެންޖަހޭކަމަށެވެ. އަދި އެހެންނަމަވެސް މަތީ ތަޢުލީމް ހާޞިލްކުރާ އިރު އެސެސްކުރާ ގޮތް ތަފާތުވެފައި ލުއިކަމަށެވެ. މާފުށީ ސްކޫލުގެ ދަރިވަރުންގެ ތެރެއިން އޯލެވަލް އިމްތިހާނުން އެކިވަނަތައް ހޯދި ދަރިވަރުންނަށް ކޮމިޝަނަރ މަރުހަބާ ދެންނެވިއެވެ. އިތުރުން ދަރިވަރުންނަށް މުޙާތަބްކޮށް ވިދާޅުވީ، އޯލެވެލްގެ ނަތީޖާ ރަނގަޅު ނުވުމަކީ މާޔޫސްވާންޖެހޭ ކަމެއް ނޫންކަމަށާއި އަދިވެސް ހިތްވަރާ އެކު މަސައްކަތްކޮށް، ހުރި ފުރުސަތުތަކުގެ ބޭނުން ހިފާ ހުނަރުވެރި ތަޢުލީމީ މީހަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ކޮމިޝަނަރ ހިތްވަރު ދެއްވިއެވެ.

ދަރިވަރުންނަށް ނަސޭހަތްތެރިވަމުން އިތުރަށް ކޮމިޝަނަރ ވިދާޅުވީ ލީޑަރަކަށްވުމަށް ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ކްލާހެއް ލީޑުކުރެވޭނަމަ، އެކުއްޖަކަށް ސްކޫލެއްގެ ލީޑަރަކަށް ވެވިދާނެކަމަށެވެ. އަދި ސްކޫލެއްގެ ލީޑަރަކަށްވެވޭނަމަ ރަށެއްގެ ލީޑަރަކަށް ވެވިދާނެ ކަމަށާއި، ރަށެއް ލީޑަރަކަށް ވެވޭމީހަކަށް ޤައުމުގެ ލީޑަރަކަށް ނުވޭންވީ ސަބަބެއް ނެތްކަމަށެވެ.