މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަމީނުލް އިސްލާމް (29 އަހަރު)، މިއަދު، 21 އޭޕްރިލް 2023 ގައި ވަނީ ނިޔާވެފައެވެ.
ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންގޮސްފައެވެ. އަމީނުލް ނިޔާވިކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ 2:10 ގައެވެ. ހެލްތް ސެންޓަރުން މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ.
އަމީނުލް އިސްލާމްއަކީ ބަދްއަޙްލާޤީ އަމަލު ހިންގުމާ ގުޅިގެން 7 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛްކުރަމުން ދިޔަ މީހެކެވެ. މީނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫނެވެ.
އޭނާ ހެލްތް ސެންޓަރަށް ގެންދިއުމާ ގުޅިގެން މިސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.