24 ޤައިދީންނާއެކު ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސްގެ އާ ބެޗެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް، ތަޢުލީމާއި ހުނަރު އުނގަންނައިދިނުމަށް ކުރާ މަސައްކަތްތަކުގެތެރެއިން ހިންގާ “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯހުގެ ނުވަ ވަނަ މިއަދު މާފުށި ޖަލުގައި ފަށައިފިއެވެ.

ފަސް ހަފްތާގެ މުއްދަތަށް ހިންގާ މި ކޯހުގައި 24 ފިރިހެން ޤައިދީން ބައިވެރިވެފައިވެއެވެ.

މި ކޯހުގެ މަޤްޞަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާއި ބެހޭ މައުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ތަކެތި ކިޔައިދީ، ކަރަންޓް ވައިރު ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ،  ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ޖަލުން ނުކުތުމަށްފަހު، އާންމު ދިރުއުޅުމުގައި އުޅޭއިރު އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ.

މި ކޯހުގައި މައިގަނޑު ހަތް (7) މޮޑިއުލް ކިޔަވައިދޭނެއެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ސިންގަލް ފޭސް އެންޑް ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިންގ، އިންސްޕެކްޝަން، ޓެސްޓިންގ، ފޯލްޓް ފައިންޑިންގ އެންޑް ރިޕެއަރ އިން ޑޮމެސްޓިކް އިންސްޓޮލޭޝަން، އެސްޓިމޭޓް ހެދުމާއި ކަރަންޓު ވަޔަރުކުމަށް ބޭނުންވާ ތަކެތި، އިންސްޓޯލް ސާރވިސް / ރިޕެއަރ އޮރ ރިޕްލޭސް އިލެކްޓްރިކަލް ކޮންޓްރޯލް ސިސްޓަމް އެންޑް ޕްރޮޓެކްޓިވް ސްވިޗް ގިއަރ ފަދަ މޮޑިއުލްތަކުގެ އިތުރުން އިނގިރޭސި އަދި ހިސާބުވެސް ކިޔަވާދޭނެއެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.