މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 ގެ އަންހެން ޤައިދީންގެ 7 ވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.
މިގޮތުން ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ މި ބެޗްގައި އަންހެން ޤައިދީން ތެރެއިން 17 ޤައިދީން ބައިވެރިވެފައިވެއެވެ.
![](https://prisonsstory.mv/wp-content/uploads/2023/02/viber_image_2023-02-02_16-15-48-260-1024x682.jpg)
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢުއަށް ނުކުންނައިރު އެފަރާތްތަކަށް އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.
ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 “ޑިސިޕްލިން” ބައި ފުރިހަމަކުރާ ޤައިދީން ދެން ބައިވެރިކުރެވިގެންދާނީ ފޭސް 2 “ސައިކޮލޮޖީ ޕްރޮގްރާމްތައް” އެވެ. އަދި ފޭސް 3 އާއި 4 އަކީ “އެޑިއުކޭޝަން އަދި ވޮކޭޝަން” ދަސްކޮށްދޭ ފޭސްއާއި “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.