53 ޓްރޭނީންނާއެކު އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ ނުވަ ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

އަދި މިއީ އެމްސީއެސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގާ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗެވެ.

ތިން މަސް ދުވަހުގެ މި ޕްރޮގްރާމްގެ މި ފަހަރުގެ ބެޗްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅޭ 37 ފިރިހެން އަދި 16 އަންހެން ޓްރޭނީން ވަނީ ބައިވެރިވެފައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.

މި ރަސްމިއްޔާތުގައި ޑީސީޕީ ހުރިހާ ބައިވެރިންނަށް މަރުހަބާ ދަންނަވަމުން ފާހަގަކުރެއްވީ އިންސާނެއްގެ ސިކުނޑި ތަރައްޤީކޮށް ކުރިއަރުވަދޭ އެއް ކަމަކީ ޢިލްމުކަމުގައި އާއި ޢިލްމާއި ހުނަރު ތަރައްޤީކޮށް، އިންސާނާގެ ސިކުނޑިއަށް ލިބިދޭ ކާނާއަކީ ވެސް ތަޢުލީމްކަމަށާއި ޢިލްމްގެ އިތުރުން ހުނަރުވެސް މުހިއްމުކަމަށެވެ. މި ފެށުނު އަސާސީ ތަމްރީނޕްރޮގްރާމްއަށް ހަވާލާދެމުން، ޑީސީޕީ ވިދާޅުވީ މި ތަމްރީންއިން އާ އެއްޗެހި ދަސްވުމުގެ އިތުރުން އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ތަމްރީނެއް ކަމަށެވެ. އައިކޯސްޓުން މިފަދަ ތަމްރީންތައް ކުރިއަށްގެންދިއުމުގައި ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ޑީސީޕީ ވިދާޅުވީ އައިކޯސްޓުން މަސައްކަތްކުރަނީ މިފަދަ ޕްރޮގްރާމްތައް އަބަދުވެސް ކުރިއަށްވުރެއް ފުރިހަމައަށް ގެންދިއުމަށް ކަމަށާއި މިގޮތުން ތަމްރީން ޕްރޮގްރާމާ ގުޅޭގޮތުން ތިން އުޞޫލެއް ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އައިކޯސްޓުން މި ތަމްރީން ޕްރޮގްރާމްގައި ދަސްކޮށްދޭ އާ ޢިލްމާއި ހުނަރުގެ ނާޖައިސް ފައިދާ ނުނަގާ، އޭގެ ބޭނުން ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ކުރުމަށް ޑީސީޕީ ބާރުއެޅުއްވިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދެވޭނެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.