މިމަހުގެ 8 ވަނަ ދުވަހު މާލެޖަލަށް ހުކުމް ތަންފީޒުކުރުމަށް ގެނައި ގައިދީއެއް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޛުކުރުމަށް ގެނައި ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާތީ ރޭ 10 ޖަހާކަށް ހާއިރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭންފަށާފައެވެ. މުޙައްމަދު ރަޝީދުގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު ވަނީ މިއަދު ގާތްގަނޑަކަށް 10:40 ހާއިރު ނިޔާވިކަމަށް ކަނޑައަޅާފައެވެ.

މުޙައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. މުޙައްމަދު ރަޝީދު މިމަހުގެ 8 ވަނަ ދުވަހު ޖަލަށް ގެނެވުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައެއް ނުވެއެވެ. އަދި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫނެވެ.

މުޙައްމަދު ރަޝީދު ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.