އެޑްވާންސްޑް ސައިކޮލޮޖިކަލް ޓްރޭނިންގ ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އެމެރިކާގެ ޑިޕަރޓްމަންޓް އޮފް ޖަސްޓިސްއާ ގުޅިގެން “އެޑްވާންސްޑް ސައިކޮލޮޖިކަލް ޓްރޭނިންގ” ހިންގައިފިއެވެ.

11 ޑިސެމްބަރ 2022 ން 22 ޑިސެމްބަރ 2022 އާ ހަމައަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ގައި ބައިވެރިވެފައިވަނީ ނުވަ ސިވިލް ސްޓާފުންނާއި ފަސް ޕްރިޒަން އޮފިސަރުންނެވެ.

މި ޓްރޭނިންގގެ ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އޮނަރަބަލް ޢާއިޝަތު މުޙައްމަދު ދީދީ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމުގައިވާ ޑރ އަބްދުލް މަލިކް އާއި އަލްފާޟިލް މުޙައްމަދު ޝިހާބް ބައިވެރިވިލެއްވިއެވެ.

10 ދުވަހަށް ކުރިއަށް ދިޔަ މި ޓްރޭނިންގގެ ބޭނުމަކީ ޤައިދީން، ޚާއްސަކޮށް ހަރުކަށި ފިކުރުގެ ޤައިދީންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރިކޮށްދޭއިރު ގެންގުޅެންޖެހޭ އެތިކަލް މިންގަނޑުތަކާއި މުޢާމަލާތް ކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމެވެ. މީގެ އިތުރުން ބައިވެރިންނަށް އެކި ބާވަތުގެ ޕްރޮފައިލިންގ ހަދާނެ ގޮތްތައް ދަސްކޮށްދެވުނެވެ.

މި ޓްރޭނިންގ ގައި މޮޑިއުލްތައް ކިޔަވާދެއްވާފައިވަނީ ޔޫއެސް ޖަސްޓިސް ޑިޕަރޓްމަންޓްގެ ފަރާތުން ޑރ. މަލްކަންތީ ހެޓިއަރާކީ އާއި މރ. ރޯހަން ގުނަރަޓްނާ އާއި ސްޕިރިޗުއަލް ސްޕީކާ މރ. މުރްޝިދްއެވެ. މި ޓްރޭނިންގގެ ތެރޭގައި ފެސިލިޓޭޓަރުންގެ އެހީތެރިކަމާއެކު ބައިވެރިން ވަނީ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ގައި ބަންދުކޮށްފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރަން ބޭނުންކުރާނެ 8+1 ރެހިބިލިޓޭޝަން މޮޑެލް ތައްޔާރުކޮށްފައެވެ.