މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.
މިއީ އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 26 ވަނަ ބެޗެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް، ޖުވެނައިލް ކޯޓުގެ ޣާޒީ އަލްއުސްތާޛު މުޙައްމަދު އީސާފުޅު، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު، ޖަލުތަކުގެ ޑައިރެކްޓަރުން، ކޮމިޝަންޑް ރޭންކްގެ އޮފިސަރުންނާއި ދަޢުވަތު އެރުވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
08 ސެޕްޓެމްބަރ 2022 ގައި ފެށި މި ޓްރޭނިންގ އަކީ 03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޓްރޭނިންގއެކެވެ. 118 ޓްރޭނީއިންނާއެކު މި ޓްރޭނިންގ ޕްރޮގްރާމް ފަށާފައިވާއިރު، އޭގެ ތެރެއިން 113 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްއެވެ. މި ޕްރޮގްރާމްއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ.
މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށްދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުން ހިމެނުނެވެ. މިގޮތުން މުޅި ޕްރޮގްރާމްގެ އެންމެ ދުޅަހެޔޮ ސިއްޙަތަކާއި ބުންވަރު ހުރި ނުވަތަ “ފިޓެސްޓް” ފިރިހެން އަދި އަންހެން އޮފިސަރުން ކަމަށް ހޮފިފައިވަނީ ޕްރައިވެޓް އިބްރާހިމް ރިސްފާން އާއި ޕްރައިވެޓް ރައުދާ މޫސާ ފަތުހީ އެވެ. އަދި މުޅި ޕްރޮގްރާމްއިން އެއްވަނަ، “ބެސްޓް އޯލް ރައުންޑް”ގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް އިބްރާހިމް އިމްރާންއެވެ. ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ޣާޒީ އަލްއުސްތާޛު މުޙައްމަދު އީސާފުޅުއެވެ.
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ ވާހަކަދައްކަވަމުން ވިދާޅުވީ ޕްރިޒަން ރިފޯކުރުމުގެ މަސައްކަތް ފަށައިގަތީ ތިން ކަމަކަށް ބަލައިގެން ކަމަށާއި ފުރަތަމަ ކަމަކީ ޕްރިޒަން އޮފިސަރުން ރެކްރޫޓްކޮށް ފުރިހަމައަށް ތަމްރީންކުރުން ކަމަށާއި، ދެވަނަ ކަމަކީ ޖަލުތަކަށް ބޭނުންވާ ފުރިހަމަ އިންފްރާސްޓްރަކްޗރ ޤާއިމުކުރުން ކަމަށާއި، ތިން ވަނަ ކަމަކީ އެކަމަށް ބޭނުންވާ ފުރިހަމަ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާ ފުރިހަމަކުރުން ކަމަށެވެ. ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި 241 އޮފިސަރުން ނޫނީ ގާތްގަނޑަކަށް 30 ޕަސެންޓް އޮފިސަރުން އިތުރުކުރެވުނުކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު އޮފިސަރުން ހޯދައި، 40 ޕަސެންޓަށް އަދަދު އިތުރު ކުރައްވާނެކަމަށާއި އޮފިސަރުން ތަމްރީން ކުރުމަށް އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ. އަދި އޮފިސަރުން ތަމްރީންކުރުމުގައި އައިކޯސްޓް އަދާކުރަމުންދާ އަގުހުރި ދައުރު ފާހަގަކުރައްވައި، ޝުކުރުއަދާކުރެއްވިއެވެ. ކޯވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވީނަމަވެސް، ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާތަނަށް 220 ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީ ޖަލުގައި ހެދުމަށް ފަށާފައިވާ ކަމަށާއި އޭގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭކަން ފާހަގަކުރައްވައި، ވިދާޅުވީ އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންޤިލާބީ ބޮޑު ބަދަލުތަކެއް އަންނާނެކަމަށެވެ.
މި ތަމްރީންގެ ދަސްވެނިންނާ މުޙާތަބްކުރައްވަމުން ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސް ތެރޭގައި ފުރިހަމަ ކުރި މި ތަމްރީން ޕްރޮގްރާމަކީ މުސްތަޤްބަލަށް އެޅޭ ބިންގަލެއްކަމަށާއި އެއީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި އުފުލަންޖެހޭ ބޮޑު ޒިންމާއެއް ކަމަށް ފާހަގަކުރައްވައި، ވިދާޅުވީ ޖަލު ބެލެހެއްޓުމަކީ ވަރަށް ރިސްކުބޮޑު، ވަރަށް ޒިންމާބޮޑު، ދަތި އަދި ބައެއް ފަހަރު ހިތް ދަތި ކަންތައްތަކާ ކޮންމެ ދުވަހެއްގައިހެން ކުރިމަތި ލާންޖެހޭ ކަމެއްކަމަށެވެ. މިނިސްޓަރ އޮފިސަރުން ކިބައިން އިލްތިމާސް ކުރެއްވީ މިކަންތައްތައް ކުރިމަތިލަމުންދާއިރު، ހިތްހެޔޮކަމާއި މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި ކެތްތެރިކަމާއެކު ޤާނޫނު ތަންފީޛުކޮށްދެއްވުމަށެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވާހަކަދައްކަވަމުން ވިދާޅުވީ މިއީ އެމްސީއެސްގެ ހަޔާތުގައި ތާރީޚީ އަދި އުފާވެރި ރެއެއް ކަމަށާއި މިހާތަނަށް ތަމްރީން ހިންގުނު އެންމެ ބޮޑު ބެޗްކަމަށެވެ. މީގެ ކުރިން ނުކުރާ އެތައް ކަމެއް ކޮށްފައިވާނެކަމަށާއި މުވައްޒަފުން ހޯދުމަށް އެއްވަގުތެއްގައި އެހެން ޔުނީފޯމް އެޅި މުވައްސަސާތަކާ ވާދަކުރަންޖެހި، ވަޒީފާގެ މާހައުލަށް ނިކުމެ ވަރަށް މަސައްކަތްކޮށްގެން މުވައްޒަފުން ހޯދަން ޖެހުނުކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން އެމްސީއެސްގެ ސީނިއަރ ލީޑަރޝިޕް ހިމެނޭގޮތަށް ރައްޖޭގެ އަތޮޅުތަކަށް ގޮސް ކައުންސިލްތަކާ ބައްދަލުކޮށް، ރައްޔިތުންނާއި ވަކި ވަކި ޖަމިއްޔާތަކާ ބައްދަލުކޮށް ގޭގެއަށް ގޮސް މި މުހިއްމު މަސައްކަތާ ގުޅޭނެ މީހުން ހޯދުމަށް އަމަލީ ގޮތުން މަސައްކަތްކޮށްފައި ވާނެކަމަށާއި ޝައުގުވެރިކަން އުފެއްދުމަށް ސޯޝަލް މީޑިއާ ބޭނުންކޮށްގެން ތަފާތު ގިނަ މަސައްކަތްތަކެއް އެމްސީއެސްގެ މީޑިއާ ޓީމުން ކޮށްފައިވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މި ތަމްރީން ހިންގުމަށްޓަކައި ކުޑަ ވަގުތުކޮޅެއްތެރޭގައި ގިނަ ކަންތައްތައް ކުރެވުނުކަމަށާއި އޭގެ ތެރޭގައި މާފުށީ ޖަލުގެ އެހީތެރިކަމާއެކު 70 އަށްވުރެއް ގިނަ ރެކްރޫޓުން އެކަމަޑޭޓްކުރެވޭ ޓްރޭނިންގ ބެރެކްސްއެއް އެޅުމާއި އެމްސީއެސްގެ ސިޔާސަތު ރެކްރޫޓުންގެ މެދުގައި އަށަގަތުމުގެ ގޮތުން އައިކޯސްޓުން އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ މި ތަމްރީން ޕްރޮގްރާމަކީ ޤާނޫން، ޕްރިޒަން އޮފިސަރެއް ވަޒީފާ އަދާކުރުމަށްޓަކައި ފުރިހަމަ ކުރުން ލާޒިމް ޓްރޭނިންގއެއް ކަމަށާއި މިއީ އައިކޯސްޓުން ހިންގާ އެންމެ މުހިއްމު އެއް ޓްރޭނިންގ ކަމަށާއި މި ޓްރޭނިންގ ސްޓްރީމްލައިންކޮށް، މި ތަމްރީންނަކީ ދިވެހިރައްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައް ތަޞައްވަރުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މި ތަމްރީން ހިންގުމަށް އިންސްޓްރަކްޓަރުންނާއި އައިކޯސްޓްގެ ހީވާގި އޮފިސަރުންނާއި މުވައްޒަފުން ވަރަށް ބުރަކޮށް ރެއާއި ދުވާލު މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވިއެވެ. ދައުލަތުގެ ނިޒާމަކީ އެހާފަސޭހައިން ކަންކަން ހާސިލުވެވެން އޮންނަ ކަމެއް ނޫންކަމަށާއި ޖަވާބުދާރީ ވާންޖެހޭގޮތަށް ކަންތައްތައް ކުރުމަކީ މި ދަނޑިވަޅުގައި ދިމާވި ބޮޑު ގޮންޖެހުމެއްކަމާއި އެހެން ނަމަވެސް އެމްސީއެސްގެ ހެޑް އޮފީހުގެ ވަކި ވަކި ޑިވިޝަންތަކުން ވަރަށް ފުރިހަމައަށް މަސައްކަތްކޮށްފައިވާ ކަމަށާއި މިއީ ހަގީގަތުގައި އެންމެން ގުޅިގެން ކުރި މަސައްކަތުން ހޯދޭ ކާމިޔާބީއެއް ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ދަސްވެނިންނާ މުހާތަބްކުރައްވަމުން ވިދާޅުވީ ހަވާލުވާ މަސައްކަތަކީ މިވަގުތު ދިވެހިރާއްޖެއަށް ދިމާވަމުން އަންނަ ގިނަ މައްސަލަތައް ހައްލުކުރުމުގެ މުހިއްމު ވާޖިބު އަދާކުރާ މަތިވެރި މަސައްކަތެއް ކަމަށެވެ. ވޭތުވެދިޔަ 90 ދުވަސްތެރޭގައި ދަސްކުރި މުހިއްމު ފިލާވަޅުތަކުން ލިބުނު އިބުރަތްތަކުން މުޖްތަމަޢުގައި އަދި އާއިލާއާއެކު ހޭދަކުރާ ވަގުތުގައި ހަރުދަނާ މީހެއްގެ ސިފަވަންތަކަން އަހުލާޤުން ދައްކާދިނުމަށާއި ހަވާލުކުރެވޭ މަސްޢޫލިޔަތު އަދާކުރުމުގައި ދެވަނައެއް ނެތް ނަމޫނާއެއް މަސައްކަތްކުރުމުގައި ދެއްކުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. އަދި މިރޭ އެމްސީއެސްގެ މަސައްކަތާ ގުޅޭ 113 އޮފިސަރުންނާއެކު ޖަލު ހިންގުމުގެ ޚިދުމަތް ބަދަލުކޮށް، ޤައިދީންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށާއި އެގޮތުން ޑޮކްޓަރީ ފަރުވާއާއި ޤައިދީން ރިހެބިލިޓޭޓްކުރުން ވެސް ކުރިއަށްވުރެއް ރަނގަޅުވެގެންދާނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އަދިވެސް އެމްސީއެސްގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށާއި އެމްސީއެސްގެ މިސްރާބު ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްފެންވަރަށް، ރަނގަޅު ދިމާއަށް ގެންދިއުމަށްޓަކައި ހަރުދަނާ ލީޑާޝިޕްއެއް އުފައްދަންޖެހޭކަމަށާއި އެ ބަދަލު ގެނެވޭނީ ކޮންމެ އޮފިސަރެއްވެސް އެމީހެއްގެ މަސްޢޫލިޔަތުތަކާއި ވާޖިބު އެންމެ ފުރިހަމައަށް އަދާކުރުމުންކަން ކޮމިޝަނަރ ވިދާޅުވިއެވެ.