މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.
މިއަދު މެންދުރު އެ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲއެވެ. އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފްގެ އިތުރުން ނެޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯ އަލްފާޟިލް އިމާދު ސޯލިޙް އަދި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވުނު މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މިއަދު އިފްތިތާޙް ކުރެވުނު މި ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓް ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމްގެ ދެވަނަ ބެޗްގައި މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 44 ޤައިދީން ހިމެނެއެވެ.
މި ޕްރޮގްރާމް އެކުލެވިގެންވަނީ 4 މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާއަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާއެވެ. ދެވަނަ މަރުހަލާއަކީ ރީހެބިލިޓޭޝަން މަރުޙަލާއެވެ. މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަންލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށްދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނެއެވެ. ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖްތަމަޢަށް ނެރުމުގެ ކުރިން މުޖްތަމަޢަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމަޢުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކާއެކު ޕެރޯލްގެ ދަށުން މުޖުތަމަޢަށް ނެރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. އަދި ހަތަރު ވަނަ މަރުޙަލާއަކީ އަފްޓަރ ކެއަރ ސަރވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢަށް ނެރޭ ފަރާތްތައް މޮނިޓަރ ކުރާ މަރުހާލާއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް 40 ޤައިދީންނާއެލު 27 ފެބްރުވަރީ 2022 ގައި ފަށައި، 32 ޤައިދީންނާއެކު 23 އޮގަސްޓް 2022 ގައި ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް ޒިންމާދާރު ހެޔޮލަފާ ފަރާތްތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އަނެއްކާވެސް އުސް ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ ފާހަގަކުރެއްވީ އެ ފަރާތްތައް ސެޕްޓެމްބަރ މަހު މުޖްތަމަޢުއަށް ރީއިންޓަގްރޭޓްކުރެވިފައިވާ ކަމަށާއި އެ ޕްރޮގްރާމްގެ ތަފާތު އާ ތަޖުރިބާތަކަށް ބިނާކޮށް ޤައިދީން ތިބޭ ޔުނިޓަށާއި ޕްރޮގްރާމަށާއި އޮފިސަރުންގެ ޓްރޭނިންގއަށް ބަދަލު ގެނެވި، މި އާ ބެޗް ފަށާފައިވާކަމަށެވެ. ރާއްޖޭގައި ބައި ގަރުނުވަންދެން ކުރިމަތިލަމުން އަންނަ މައްސަލައެއް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ޗެލެންޖްތައް ހުރި މައްސަލައެއް ކަމަށާއި މިކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލުގެނެސް މަސައްކަތްތައް ކުރުމާއެކުވެސް، އަދި ކުރެވޭ ކަންކަމުން ހެޔޮ ނަތީޖާ ނިކުންނަ އިރުވެސް މިކަމުގެ ޗެލެންޖްތައް އިންތިހާއަށް ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރުން ކަމަށާއި ޖަލުގައި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެންދިޔައީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޓީމްގެ މިންނެތް މަސައްކަތުން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުން އަންނަކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މި ބެޗްގެ ކަންތައްތައް އެމްސީއެސްގެ އޮފިސަރުން މިހާރު ލިބިފައިވާ ތަޖުރިބާއާއެކު ކުރިއަށްވުރެއް ރަނގަޅަށް ކުރިއަށް ގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް އާ ބެޗަށް ހިތްވަރުހޯދައިދިނުމުގެ ގޮތުން އެހީތެރިކަން ދެއްވާނެކަމަށެވެ. އަދި ކުށެއް ކުރުމަށްފަހު އިސްލާހުވާންޖެހޭކަމަށް ޤަބޫލުކޮށް ތައުބާވުމާބެހޭގޮތުން ވާހަކަދައްކަވަމުން، ތިމާ ޖަލަށް ވަން އިރު ހުރި މީހާނޫން މީހަކަށް އަދި އާ ލައިފަކަށް ކުރިމަތިލުމަށް އަމިއްލައަށް ނިންމުމަށް މި ޕްރޮގްރާމްގެ ބައިވެރިންނަށް މުހާތަބްކުރައްވަމުން މިނިސްޓަރ ނަސޭހަތްތެރިވެލެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވާހަކަދައްކަވަމުން ވިދާޅުވީ ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢުއަށް ނެރުމަކީ ކަރެކްޝަންސްގެ މައިގަނޑު މުހިއްމު އެއް މަސައްކަތްކަމަށާއި މިކަން ކުރުމަށްޓަކައި ގިނަ ވިސްނުންތައް ވިސްނާ، ހިސާބުތައް ހަދާ، ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމްސީއެސްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސް، މިސައްކަތަށް ފަންނީ މީހުންގެ މުހިއްމުކަން ބޭނުންވާކަމަށް ޤަބޫލުކުރެވޭތީ، ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ވޭތުވެ ދިޔަ ދޮޅު އަހަރަށް ބަލާއިރު ކައުންސެލިންގ، ސޯޝަލް ވަރކް އަދި ސައިކޮލަޖީގެ ދާއިރާއިން ކިޔަވާފައި ތިބި ފަންނީ މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ގިނަ ކަންތައްތައް ދަސްކުރަންޖެހުނުކަމަށާއި މަސްތުވާތަކެތި މުޖްތަމައުގައި ފެތުރިފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށާއި އެހެން ގައުމުތަކުން މިކަން ހައްލުކުރަން ކުރާ މަސައްކަތްތަކާއި ފަންނުވެރި ކަން ބަލާ، ކުރެވޭނެ އިންތިޒާމްތައް ހެދުން މުހިއްމުކަމަށެވެ. އެގޮތުން އެންޑީއޭއާ ގުޅިގެން ޓޭކްނިކަލް އެހީތެރިކަން ހޯދައި، މާފުށީ ޖަލުގައި މި ޕްރޮގްރާމް ފެށިމަށް ވަކި ޔުނިޓެއް ހަމަޖައްސާ، މަރާމާތުކޮށް، އޮފިސަރުންނަށް ބޭނުންވާ ޓެކްނިކަލް އިލްމް ދެވިފައިވާނެކަމަށާއި ގުޅުން ހުރި މުވައްސަސާތަކާއެކު ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް މުހާތަބްކުރައްވާ ދޭން ބޭނުންވާ އެންމެ މުހިއްމު މެސެޖެއް ކަމަށް ކޮމިޝަނަރ ވިދާޅުވީ އެމްސީއެސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް، ޚާއްސަކޮށް މަސްތުގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް މި ފޯރުކޮށްދެވޭ ފުރުޞަތަކީ ވަރަށް މުހިއްމު ފުރުޞަތެއްގެ ގޮތުގައި ދެކިވަޑައިގަތުމަށެވެ. އަދި މި ޕްރޮގްރާމްއަށް ތައްޔާރުވެފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރޭގައި ޑިޓޮކްސް ކުރުމާއި އެކި ކަހަލަ ތަމްރީންތައް ދެމުންގެންދިޔަ ނަމަވެސް، މިކަން ފުރިހަމަ ކުރުމުގައި ޕްރޮގްރާމްގެ ބައިވެރިންގެވެސް މިކަމުން އަރައިގަތުމަށް ބޮޑު ޒިންމާއެއް ވާކަމަށެވެ. ސީޕީގެ އެދުމަކީ މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު މުޖްތަމަޢުއަށް ނިކުމެ، މު ފުރުޞަތު ބޭކާރު ނުކޮށްލުމަށެވެ. އެގޮތުން ޖަލުން އިސްލާހުވެގެން ނިކުމެ މުޖްތަމައުގައި ކާމިޔާބުކަމާއެކު ދެ އަހަރުވަންދެން އުޅޭ މީހެއްގެ ވާހަކަ ބައިވެރިންނާ ހިއްސާކުރަމުން ކޮމިޝަނަރ އުއްމީދަކީ މި ޕްރޮގްރާމްގެ ބައިވެރިންވެސް މުޖްތަމަޢުއަށް ނިކުމެ، ރަނގަޅު ނަމޫނާއެއް ދެއްކުންކަމަށް ވިދާޅުވިއެވެ. އަދި އެމްސީއެސްއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖަލުގައި ދެވޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކޮށްގެން ނިކުމެ މުޖްތަމަޢުގައި ޒިންމާދާރު މޭހެއްގެ ގޮތުގައި ބަދަލުވެ، ޒިންމާދާރު، ވަޒީފާއެއް އަދާކުރާ މީހަކަށްވާ ތަން ފެނުން ކަމުގައި ވިދާޅުވިއެވެ.