118 ޓްރޭނީންނާއެކު އަސާސީ ތަމްރީން ޕްރޮގްރާމްގެ 26 ވަނަ ބެޗް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ އަށް ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

އަދި މިއީ އެމްސީއެސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގާ އަސާސީ ތަމްރީން ޕްރޮގްރާމްގެ 26 ވަނަ ބެޗެވެ.

ތިން މަސް ދުވަހުގެ މި ޕްރޮގްރާމްގެ މި ފަހަރުގެ ބެޗްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅޭ 85 ފިރިހެން އަދި 33 އަންހެން ޓްރޭނީން ވަނީ ބައިވެރިވެފައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.

މި ރަސްމިއްޔާތުގައި ޑީސީޕީ ހުރިހާ ބައިވެރިންނަށް މަރުހަބާ ދަންނަވަމުން ފާހަގަކުރެއްވީ މިއަދު މި ފެށޭ އަސާސީ ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒަކީ އައިކޯސްޓްއިން ފުރިހަމައަށް ތައްޔާރުކުރި ގައިޑްލައިންތަކާ އެއްގޮތަށް ހިންގުންކަމަށެވެ. ޑީސީޕީ ވިދާޅުވީ ގިނަ މީހުންނަށް އަސްލު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތަކާ ބެހޭގޮތުން ނޭނގޭކަމަށާއި ސީނިއަރ މެނޭޖްމަންޓާއި އައިކޯސްޓްގެ މުދައްރިބުން ހިމެނޭގޮތަށް ޓީމްތަކެއް ކަނޑައަޅައި، ރާއްޖޭގެ އެކި ރަށްރަށަށް ދިއުމުގެ ބޭނުމަކީ މި ރަށްރަށުގެ ޒުވާނުންނަށް އެމްސީއެސްއާ ބެހޭ މަޢުލޫމާތުދީ، ކުރާ މަސައްކަތްތަކާއި ވަޒިފާގެ ހުނަރުތައް ކިޔަދީ، މި މުވައްސަސާގައިވެސް އެ ފަރާތްތަކަށް ކުރިއަށް ދެވޭނެކަމުގެ ޔަޤީންކަން ދިނުންކަމުގައެވެ.

ޓްރޭނީންނާ މުހާތަބްކުރައްވަމުން ޑީސީޕީ ވިދާޅުވީ ކޮންމެ ޓްރޭނީއެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައިކޯސްޓްއިން ކުރިއަށްގެންދާ ތިން މަސް ދުވަހުގެ މި ޓްރޭނިންގ ފުރިހަމަކުރުން މުހިއްމުކަމަށެވެ. އަދި ޓްރޭނީންނަށާއި ބެލެނިވެރިންނަށްދޭ ޔަޤީންކަމަކީ، ޓްރޭނީން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބި ކުށްވެރިންނާ ހިސާބަށް ޑިއުޓީއަށް ނިކުންނާނީ މި ޓްރޭނިންގ ޕްރޮގްރާމް ނިންމާ، އޭގެން ލިބެންވާ ހުނަރާއި ޤާބިލްކަން ދަސްވެ، ޕްރިޒަން އޮފިސަރުންގެ ގޮތުގައެވެ. އަދި މި ޓްރޭނިންގގައި ދަސްކުރާ އެއްޗެހީގެ ބޭނުން މަސައްކަތުގެ މައިދާނުގައި ފުރިހަމައަށް ބޭނުންކޮށް، ޤައިދީން ރިހެބިލިޓޭޓްކޮށް މުޖްތަމަޢަށް ރަނގަޅު ފަރުދުންގެ ގޮތުގައި ނެރުމަށް މަސައްކަތްކުރުމަށް ޑީސީޕީ ބާރުއެޅުއްވިއެވެ.ޕްރިޒަން އޮފިސަރުންގެ ގޮތުގައެވެ.ވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދެވޭނެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.