އެމްސީއެސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި “އައްސޭރި ޕްރިޒަނަރސް ކަޕް 2022” ނިމިއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްސޭރި ޖަލުގައި ފެށި “އައްސޭރި ޕްރިޒަނަސް ކަޕް 2022” ފުޓްބޯޅަ މުބާރާތް މިއަދު ނިމިއްޖެއެވެ.

މި މުބާރާތްތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން އާއި އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓާއި އައްސޭރި ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.

14 އޮގަސްޓް 2022 ގައި ފެށި މި މުބާރާތުގައި ޤައިދީންގެ ހަތަރު ވިންގަކުން ހަތަރު ޓީމް ބައިވެރިވިއެވެ. ލީގު އުޞޫލުން މި މުބާރާތް ކުރިއަށްގޮސް، އެއް ބުރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ފައިނަލަށް ގޮސްފައިވަނީ ޓީމް ވިންގް 2 އާއި ޓީމް ވިންގް 3 އެވެ. މޮޅު ކުޅުމެއް ދެއްކުމަށްފަހު 2-0 ގެ ސްކޯއަކުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ޓީމް ވިންގް 3 އެވެ.

ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. އަދި ރަނަރ-ރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ޙަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

އައްސޭރި ޖަލުން ވަނީ ޗެމްޕިއަން ޓީމުގެ ޝަރަފުގައި ޚާއްސަ ފަރިއްކޮޅެއް ބާއްވާފައެވެ. މި ފަރިއްކޮޅުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު އާއި އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓް ބައިވެރިވެލެއްވިއެވެ.

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ޤައިދީންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، ޤައިދީންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި ފުޓްބޯޅަ ކުޅެން ޝައުޤުވެރިވާ ޤައިދީންނަށް އެ ފަރާތްތަކަށް ހުނަރު ދައްކާލުމަށް ފުރުޞަތު ހޯދައިދިނުމެވެ.