އެމްސީއެސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާ ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބާއްވައިފިއެވެ.

މި ޙަފްލާ  ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ޙަފްލާގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަދި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އާއިޝަތު ނޫރާ މުޙައްމަދު، ކޮމިޝަންޑް އޮފިސަރުންނާއި މުވައްޒަފުން އަދި ދަޢުވަތު އެރުވުނު މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މި ޙަފްލާގައި ވޭތުވެ ދިޔަ އަހަރުތަކުގައި ޖަލުތަކުގެ ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ އޮފިސަރުންނަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައިވާއިރު،  ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ކަރެންޝަނަލް ސަރވިސްއަށް މެދުނުކެނޑި 25 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. 25 އަށްވުރެއް ގިނަ އަހަރުގެ އަގުހުރި ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރު ހިމެނުނެވެ. މީގެ އިތުރުން އެމްސީއެސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް ހަނދާނީ ފިލާ ހަވާލުކުރިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރެއްވީ ކުށްކުރާ މީހުން އިޞްލާޙްކޮށް އަނބުރާ މުޖްތަމަޢަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއްކަމުގައެވެ. އަދި ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިމަހުގެ 2 ވަނަ ދުވަހު 32 ޤައިދީއަކު އެމީހުންގެ ޢާއިލާތަކާ ޙަވާލުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ މުޅި މުޖްތަމަޢު އިޞްލާޙްކުރުމުގެ މަތިވެރި މަޤްޞަދުގައި ކުރާ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ޤައިދީން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާކަމަށް ވިދާޅުވެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޖަލުގައި ކުރި ދިރާސާއަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މައްސަލަ ޙައްލުކުރުމަށް ކަމާ ގުޅުން ހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި 100 މީހުންގެ ޖާގައިގެ ޚާއްޞަ ޔުނިޓެއް މާފުށީ ޖަލުގައި ޤާއިމުކޮށް، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައެވެ. އެމަނިކުފާނު  އިތުރަށް ފާހަގަކުރެއްވީ ޤައިދީން އިޞްލާޙްކޮށް އަނބުރާ މުޖްތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕެރޯލް ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތަކުގެ މަސައްކަތްތައް ވެސް ފެށިފައިވާކަމަށެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲގެ ވާހަކަފުޅުގައި މި ރެއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހަޔާތުގައި ވަރަށްވެސް އަލި ގަދަ ރެއެއްކަމުގައި ފާހަގަކުރައްވައި، 51 އަހަރު ފުރިގެން ދާއިރު ވޭތުވެ ދިޔަ އަހަރުތަކުގައި މި މުވައްސަސާއަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި މި ބަދަލުތަކަކީ ދިވެހީން ދެކެމުން، އަޑުއަހަމުން އައި ބަދަލުތަކެއްކަމުގައި ވިދާޅުވިއެވެ. މި ހިސާބަށް މި އާދެވުނީ ވަރަށް ގިނަ ބައެއްގެ ޚިދުމަތްތަކާއި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމުގައި ވިދާޅުވެ، އެމްސީއެސްގެ އޮފިސަރުންނަށާއި މުވައްޒަފުން އަދި ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރެއްވިއެވެ. ޖަލުގައި އެއްވެސް ޤައިދީއަކަށް އަނިޔާކުރާ އޮފިސަރުންނަކަށް ޖާގައެއް ނެތްކަމަކީ މިއަދު ހުރިހާ އޮފިސަރުން ރަނގަޅަށް ދެނެތިބޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުށްކުރާ މީހުން މަދުކުރުމަށް މާހިރުންދޭ އިރުޝާދަކީ މުޖްތަމައުއެއްގައި އެކަށީގެންވާ ޤާނޫނުތައް އެކުލަވާލާ، އެ ޤާނޫނުތައް ފުރިހަމަ އަށް ތަންފީޒުކުރުމާއި އިފެކްޓިވް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤާނޫނު ތަކެއް ހެދިފައިވީނަމަވެސް އެ ޤާނޫނުތައް ތަންފީޛުކުރަން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް އެމްސީއެސްއާއި ސަރުކާރުން ކުރަމުންދާކަމަށާއި ޖަލުތަކުގެ ރިހެބިލިޓޭޝަން ވަރުގަދަކުރުމަށް، އެމްސީއެސްގައި ރިހެބިލިޓޭޝަން ކޮމާންޑެއް އުފައްދައި، އެކަމަށް ބޭނުންވާ މުވައްޒަފުން ގޮންޖެހުންތަކާ އެކުވެސް ހޯދައިފައިވާކަމަށާއި މިހާރުގެ އަމާޒަކީ ޖަލުތަކުގެ ހުރިހާ ޤައިދީންވެސް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިކުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ” އަޅުގަނޑުމެންގެ އޮފިސަރުންނާއި މުވައްޒަފުން ދެމިމިތިބީ ބަންދު މީހުންނަށް ބޭނުންވާ އެންމެހާ އަސާސީ ޙިދުމަތް ފޯރުކޮށްދިނުމުގައި. ވަކިން ޚާއްޞަކޮށް މިއަދު މުޅި ކަރެކްޝަނަލް ސަރވިސްގެ ފޯކަސް މިހުރީ ޤައިދީން ހެޔޮފަރުދުންގެ ގޮތުގައި ރިހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް އަނބުރާ ގެނައުމުގެ މުޙިއްމު ބުރަ އަދި ޒިންމާ އަދާކުރުމުގައި” ކަމަށެވެ. މި ހަފްލާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ޚިދުމަތް ކޮށްދެއްވަމުންގެންދަވާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވޭ ޚާއްސަ ރަސްމިއްޔާތެއްކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޙިދުމަތުގެ ސަފުން ބައިގަރުނު ފަހަނަ އަޅާދާއިރު ދިވެހިރާއްޖޭގެ ރައީސްއަކު މިޙިދުމަތުގެ އަހަރީ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރުކަމުގައި ކޮމިޝަނަރ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޙްލާސްތެރިކަމާ އެކު ޝުކުރު ދެންނެވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެންނަމުންދާކަމަށާއި އެގޮތުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު މަޤްޞަދު ފުރިހަމައަށް ހާޞިލްކުރެވޭނެ ގޮތަށް މިސަރވިސްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެވި، ހައްލު ނުވެ އޮތް ސިވިލް މުވައްޒަފުން ވަޒީފާގެ އެއްބަސްވުންތައް ކޮންޓްރެކްޓު މުވައްޒަފުން ދާއިމީ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރެވުނު ކަމުގައި ސީޕީ ވިދާޅުވިއެވެ.

ޤައިދީންގެ ރިހެބިލިޓޭޝަންގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ ރިހެބިލިޓޭޝަން ނިޒާމު ހަރުދަނާ ކޮށް، ޤައިދީންނަށް ސައިކޮލަޖިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ކައުންސެލިންގެ ހިދުމަތާއި ކޭސްމެނޭޖްމަންޓާއި މިހާރު ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްދާކަމަށާއި ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޤާއިމުކުރުމަށް ލާޒިމްކޮށްފައިވާ ޖުވެނައިލް މެނޭޖްމަންޓްގެ މަސައްކަތްތައް ޤާއިމުކުރެވި ފަށައިގަނެފައިވާކަމަށެވެ.

މުޅި މުވައްސަސާގެ މަސައްކަތްތައް ތަރުތީބުކޮށް ނަތީޖާ ނެރުމުގެ އެންމެ މުހިއްމު ބަޔަކީ އަޅުގަނޑުމެންގެ މުވައްޒަފުންކަމަށް ކޮމިޝަނަރ ފާހަގަކުރައްވާ، ނަތީޖާ ނެރުމަށް ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެން ކޮންމެ އޮފިސަރަކު، ކޮންމެ މުވައްޒަފަކު ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭކަމަށާއި އެކަން ކަށަވަރުކުރުމުގެ ގޮތުން މިނިވަން “ޕްރޮފެޝަނަލް ސްޓޭންޑަޑް” އެއް ޤާއިމްކޮށްފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން ޔޫސްއޮފް ފޯސް ރިވިއުކުރުމަށް އެތެރޭގެ ނިޒާމެއް އެކުލަވާލާ ބާރު ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި ބާރު ބޭނުން ކުރެވެނީ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ޒިންމާދާރުކަމާއި އެކު އެހާލަތައް ބޭނުންވާ މިންވަރަށްތޯ ކަށަވަރުކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީގެ ވާހަކަފުޅު ނިންމަވާލައްވަމުން  އިލްތިމާސްކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ޕްރޮފެޝަނަލްކަމާއި ޙަވާލުވެތިބި ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމުގައި ތެދުވެރިކަމާއި ޢަމާނާތްތެރިކަން އިސްކޮށް ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންނަށް ނަމޫނާ ދައްކުވައިދެވޭ ވަރުގެ އަޙްލާގާއި ރިވެތި ސުލޫކު ދައްކުވައިދޭ ބަޔަކަށް ވުމަށެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާއި އެކު އަމިއްލަ ޤާބިލިއްޔަތުކަން އިތުރުކުރުމަށް އިސްކަންދޭ މުވައްޒަފުންތަކެއްގެ ގޮތުގައި ދެމިތިބެ އިސްލާހީ މަސައްކަތުގެ ބައިވެރިއަކަށް ވެދެއްވުމަށްވެސް ސީޕީ އިލްތިމާސްކުރެއްވިއެވެ. މި ހަފްލާގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް ވަނީ ސަރުކާރަށާއި އެމްސީއެސްއަށް އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވުމުގެ ނަމްބަރު ފުރިހަމަކޮށްދެއްވާފައެވެ.