އެމްސީއެސްއިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް ހިންގި ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިއްމާލައިފިއެވެ.

މިއަދު މާފުށީ ޖަލުގައި މި ޕްރޮގްރާމް ނިއްމުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އޮނަރަބަލް ފައިސަލް ނަސީމްއެވެ. ޝަރަފްވެރި މެހެމާންގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި މިނިސްޓަރ އޮފް ޙެލްތް އޮނަރަބަލް އަޙްމަދު ނަސީމް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ނެޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރމަން ޑެޕިއުޓީ މިނިސްޓަރ ފޮރ ހެލްތް އަލްފާޟިލް ޝަމާއު ޝަރީފް އާއި ދެ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން އަދި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވުނު މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މިއަދު ނިމިގެންދިޔަ މި ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ.  މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީންނާއެކު މި ޕްރޮގްރާމް ފެށި ނަމަވެސް، އެކި ސަބަބުތަކާހުރެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ޤައިދީންނެވެ.

މި ރަސްމިއްޔާތުގައި މި ޕްރޮގްރާމްގެ ދެވަނަ މަރުހަލާގެ ތެރެއިން ކުރިއަށްގެންދިޔަ ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯހުގެ ސެޓްފިކެޓާއި ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ބައިވެރިންނަށް ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އޮނަރަބަލް ފައިސަލް ނަސީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮނަރަބަލް ފައިސަލް ނަސީމް މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރި 32 ޤައިދީންނަށް މަރުހަބާ ދަންނަވަމުން މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކުރުމަކީ ކުޑަކަމެއް ނޫންކަމުގައި ފާހަގަކުރެއްވިއެވެ. އެއްވެސް މީހަކާމެދު ތަފާތުކުރުން މި މުޖްތަމަޢުގައި ގެންގުޅެގެން ނުވާނެކަމަށާއި އެންމެންގެ އަމާޒަކަށް ވާންޖެހޭނީ، ޖަލުގައި ތިބި ޤައިދީންނާއި ދޭތެރޭގައި އިޙްތިރާމާއި އިޙްސާންތެރިކަމާ އެކު ޢަމަލު ކުރެވި އެފަރާތްތައް، އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު ހޯދައިދީ އާއިލާތަކާ އެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުންކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޙެލްތް އޮނަރަބަލް އަޙްމަދު ނަސީމް ބައިވެރިންނަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ މިއީ ނިމުމެއް ނޫންކަމަށާއި މިއީ އައު އުއްމީދީ ދިރިއުޅުމެއްގެ ފެށުންކަމަށެވެ. މަސްތުވާތަކެއްޗަކީ ދިވެހިރާއްޖެއަށް ޖެހިފައިއޮތް އެންމެ ބޮޑު އެއް ވަބާ ކަމަށެވެ. ޑްރަގްސް ރާއްޖެއަށް އެތެރެކުރާހާ ހިނދަކު މިކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ކަމާބެހޭ ހުރިހާ ފަރާތްތަކުން މިކަމުގެ ބޮޑުން އަތުލައިގަންނަން މަސައްކަތްކުރުމަށާއި އެންމެން ސަމާލުވެ ތިބެ ތެދުވެރިކަމާއެކު މިކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ވަރަށް ދަތި އުނދަގޫތަކާއެކު ނަމަވެސް މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމަކީ ކުޑަކަމެއް ނޫންކަމަށެވެ. ރާއްޖޭގައި މަސްތުވާތެކެތީގެ ވަބާ މުޖްތަމަޢުގައި ފެތުރިފައި އޮތް މިންވަރަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޤާނޫނީ އިސްލާހު ގެނެސް އިންސާފްވެރިކަމާއި ހަމަހަމަކަމާއެކު ޤާނޫނު ތަންފީޛްކުރައްވާނެކަމަށާއި ފުރިހަމަ ރިހެބިލިޓޭޓިވް މެކޭނިޒަމްއެއް އެކުލަވާލައްވާނެކަމަށެވެ. ކަރެކްޝަންސްގެ މިސްރާބް ރިހެބިލިޓޭޝަނަށް ބަދަލުކޮށް ވަކިން ރިހެބިލިޓޭޝަން ކޮމާންޑެއް އޮނިގަނޑުގައި އެކުލަވާލެވިފައި ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައިވެރިންނަށް މުޙާތަބްކުރައްވާ ވިދާޅުވީ މިއަދު ލިބުނު ސެޓްފިކެޓް ހިތްވަރެއްގެ ގޮތުގައި ބޭނުންކޮށް ޖަލަށް އެނބުރި ނާންނާނެކަމަށް އަޒުމް އެޅުމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ އެމްސީއެސްއިން ފުރަތަމަ ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ފަރުމާކޮށް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކީގައިކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާ ނާއިބު އަދި މިނިސްޓްރީ އޮފް ހެލްތާއި އެންޑީއޭއިން ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އެންޖީއޯ ޖަރނީއިންނާއި އިންޑިއަން ކަލްޗަރަލް ސެންޓަރ އިން ދެއްވި އެހީތެރިކަމާއި މިކަމުގައި ބައިވެރިވި އޮފިސަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. މި ޕްރޮގްރާމް ހިންގުމަށް ވަރކިންގ ގްރޫޕެއް އެކުލަވާލެވުނު ކަމަށާއި އެ ގްރޫޕްގެ މަސައްކަތުން އެސްއޯޕީ އެކުލަވާލައި، މި ޕްރޮގްރާމް ހިންގުމުގައި އުޅޭ ހުރިހާ މުވައްޒަފުންނަށް އެކި ޓްރޭނިންތަކާއި ފަންނުވެރިން ހޯދުމަށް އެންޖީއޯތަކާ ގުޅިގެން ޓްރޭނިންގ ކްލާސްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމް މިހާރަށްވުރެ ފުޅާކޮށް، ބައިވެރިންގެ އަދަދު ގިނަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި އަދި އައްސޭރި ޖަލުގައި ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަންދާޒާއަކީ މިއަހަރު ނިމުމުގެ ކުރިން އިމާރާތްތައް ނިމި، އެތަން ބޭނުންކުރަން ފެށޭނެކަމަށް ސީޕީ ވިދާޅުވިއެވެ.