އެމްސީއެސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން “އައްސޭރި ޕްރިޒަނަރސް ކަޕް” ފުޓްބޯޅަ ޓޯނަމަންޓް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ 51 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން “އައްސޭރި ޕްރިޒަނަސް ކަޕް” ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް މިއަދު އައްސޭރި ޖަލުގައި ފަށައިފިއެވެ.

މި މުބާރާތް ފައްޓަވައި ދެއްވީ ޝަރަފްވެރި މެހެމާން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. ކޮމިޝަނަރގެ އިތުރުން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އާއި އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓާއި ޖަލުތަކުގެ ޑައިރެކްޓަރުން ބައިވެރިވިއެވެ.

މިމަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޤައިދީންގެ 4 ޓީމް ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތް ކުރިއަށްދާނީ ލީގު އުޞޫލުން، އެއް ބުރު ކުޅޭ، އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ފައިނަލަށްދާ ގޮތަށެވެ.

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ޤައިދީންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، ޤައިދީންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި ފުޓްބޯޅަ ކުޅެން ޝައުޤުވެރިވާ ޤައިދީންނަށް އެ ފަރާތްތަކަށް ހުނަރު ދައްކާލުމަށް ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުގައި މިފަދަ މުބާރާތެއް ރާވާ ކުރިއަށް ގެންދާތީ، އައްސޭރި ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންނަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ޝުކުރު އަދާ ކުރެއްވިއެވެ. އަދި އައްސޭރި ޖަލުގައި ޤައިދީންގެ ރިހެބިލިޓޭޝަންގެ މަސައްކަތް މިހާރަށްވުރެ ފުޅާ ކުރެއްވުމަށް މަސައްކަތްކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތާނގައި މިފަދަ އިތުރު މުބާރާތްތައް ރާވައި ހިންގާ އަދި ޢާއިލާތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރައްވާނެކަމަށޭވެ.