“އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް” ނިމުމުގެ ރަސްމިއްޔާތު އްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގި “އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް” ނިމުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދިޔަ  15 ދުވަހުގެ މި ކޯހުގެ މިއީ ފުރަތަމަ ބެޗެވެ.

މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް މޫސާ އަންވަރު، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އަޙްމަދު ޖާދުﷲ، ކޮމިޝަންޑް އޮފިސަރުންނާއި ޕްރޮގްރާމްގެ ދަރިވަރުން ބައިވެރިވިއެވެ.

ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. އަދި ކުރިން ހިންގާފައިވާ “ސެޓްފިކެޓް 3 އިން ލައިފްގަރޑް އެންޑް ސްވިމިންގ އިންސްޓްރަކްޓަރ ކޯސް” ގެ ދަސްވެނިންނަށްވެސް މި ރަސްމިއްޔާތުގައި ސެޓްފިކެޓް ޙަވާލުކުރެވުނުވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ މިއީ ވަރަށް މުހިއްމު މަސައްކަތެއްގެ ނިމުމަށް ބޭއްވި ރަސްމިއްޔާތެއް ކަމަށާއި މިމުވައްސަސާގެ ތެރޭގައި މި މުވައްސަސާއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީންކުރާނެ އިންސްޓްރަކްޓަރުން ތަމްރީންކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުވުމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަސްވެނިން ކުރި ބުރަ މަސައްކަތަށް އިޙްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އައިކޯސްޓްގެ ބޭފުޅުންގެ ހިތްވަރާއި ކުރަމުންގެންދާ ބުރަ މަސައްކަތްތަކާއި ޑިރެކްޓަރުގެ ދުރުވިސްނުމަށް ތަޢުރީފްކުރައްވައި، މި ކޯސް ރޭވުމުގައި ސަރޖަންޓް އުސްތާޛް ސަބާޙްގެ ދައުރު ފާހަގަކުރައްވައި، އައިކޯސްޓަށާއި ވަކިން ޚާއްސަކޮށް ސަރޖަންޓް އުސްތާޛް ސަބާޙްއަށް ސީޕީ އިޙްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އަދި ހުރިހާ އޮފިސަރުންނަށް ދޭންބޭނުންވާ އިލްތިމާސްއަކީ އެއްވެސް ކަމަކީ 100% ވަރަށް ރަނގަޅުކަމެއްކަން އަމިއްލަ ސިކުނޑިއަށް ވިސްނޭނަމަ، އެކަމެއް ހާޞިލްކުރަން މަސައްކަތްކުރަން ވާނެކަމަށާއި އެ އަޒުމުގައި މަސައްކަތްކުރުމެވެ.

ކަންކަން ހާޞިލް ކުރެވޭނީ އެކަމަކަށް އޮންނަ ޝައުގުވެރިކަމެއްގެ ތެރެއިން ހިތްވަރަކާއި އަޒުމެއް ހުރެގެން ކުރެވޭ މަސައްކަތެއްގެ ތެރެއިންކަމަށާއި، ކޮންމެ ކަމެއްގެ ޙައްލަކީ މަތިން ތިރިއަށް ގެންދަންޖެހޭ ކަމެއް ކަމުގައި ނުދެކުމަށާއި، ތިރިން މައްޗަށްވެސް ކަންކަމުގެ ޙައްލު ހޯއްދެވިދާނެކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ސީޕީ އިތުރަށް ވިދާޅުވީ ޙިޔާލު ތަފާތުވުންތަކާއި އެކުވެސް އެއްކޮށް މަސައްކަތް ކުއްވޭނެ ގޮތް ހޯދޭނެކަމަށެވެ.