12 އަންހެން ޤައިދީންނާއެކު ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 ގެ 6 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 ގެ އަންހެން ޤައިދީންގެ 6 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

މިގޮތުން ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ މި ބެޗްގައި އަންހެން ޤައިދީން ތެރެއިން 12 ޤައިދީން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢުއަށް ނުކުންނައިރު އެފަރާތްތަކަށް އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 “ޑިސިޕްލިން” ބައި ފުރިހަމަކުރާ ޤައިދީން ދެން ބައިވެރިކުރެވިގެންދާނީ ފޭސް 2 “ސައިކޮލޮޖީ ޕްރޮގްރާމްތައް” އެވެ. އަދި ފޭސް 3 އާއި 4 އަކީ “އެޑިއުކޭޝަން އަދި ވޮކޭޝަން” ދަސްކޮށްދޭ ފޭސްއާއި “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.