“ލައިފް ޤުރުއާން މުބާރާތް 1443” ގައި އައްސޭރި ޖަލުގެ 7 ޤައިދީން ބައިވެރިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ ބެލުމުގު ދަށުގައިވާ ޤައިދީންތަކުގެ ތެރެއިން، ހަތް ޤައިދީން “ލައިފް ޤުރުއާން މުބާރާތް 1443” ގައި ބައިވެރިވެއްޖެއެވެ.

ކ. ހިންމަފުށީގައި ހުންނަ އިންޓަނޭޝަނަލް ބެވަރެޖް ކޮންޕެނީ އިން އިންތިޒާމްކުރި މި މުބާރާތް ކުރިއަށްގެންދިޔައީ 18 ޖުލައި 2022 ން 23 ޖުލައި 2022 އާ ހަމައަށެވެ. މި މުބާރާތުގައި އެކި ރަށްރަށުން ޖުމްލަ 132 މީހުން ބައިވެރިވެފައިވެއެވެ. އަދި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2 ބުރަކަށް ބަހައިގެން، 2 ވަނަ ބުރުގެ ގަދަ 10 ބައިވެރިންގެ ތެރެއިން ޢެންމެ މޮޅު 3 ވަނަ ހޮވާ ގޮތަށެވެ.  

މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގައި ޤައިދީން ބައިވެރިވެވޭނެ ފުރުޞަތު ލިބުމަކީ އެ ފަރާތްތަކުގެ ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެކެވެ. މިއީ ޖަލެއްގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީއަކު މިފަދަ މުބާރާތެއްގައި ބައިވެރިވި ދެވަނަ ފަހަރެވެ.